English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި ރޭ ޕެނަލްޓީ ޖަހައިގެން ނެދަލެންޑްސް ބަލިކޮށް އާޖެންޓީނާއިން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އާޖެންޓީނާއިންނެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ދިން ޕާހެއް ގޯލަށް ފޮނުވާލައިގެން އާޖެންޓީނާއަށް ލީޑު ނަގައިދިނީ ނަހުއެލް މޮލީނާއެވެ.

އާޖެންޓީނާއިން ލިޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ލިބުނު ޕެނަލްޓީ އަކުން ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ ލިއޮނެލް މެސީއެވެ.

އާޖެންޓީނާގެ މި ލަނޑާއި އެކު ނެދަލެންޑްސްއިން ބަދަލުތަކެއް ގެނެސް އިތުރަށް ކުޅުން ވަރުގަދަ ކުރިއިރު، ނެދަލެންޑްސްއިން ވަނީ މެޗުގެ ފަހު ވަގުތުގައި ދެލަނޑުޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ނެދަލެންޑްސްގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވޯޓް ވޭހޯސްޓްއެވެ. ފުރަތަމަ ލަނޑަކީ ސްޓީވެން ބާހޯސް ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ވޭހޯސްޓްގެ ދެވަނަ ލަނޑުޖަހާ ނަތީޖާ ހަމަހަމަކުރީ ހިލޭ ޖެހުމެއްގައި ކޫޕްމެނާސް ދިން ބޯޅައަކުންނެވެ.

ކޮންމެ ޓީމަކުންވެސް ދެލަނޑުޖަހާ އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފު ނިމުނީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ދެޓީމަށްވެސް އިތުރު ވަގުތުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ފުރުސަތުގެ ބޭނުން ނުހިފުނެވެ. އެހެންކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

އާޖެންޓީނާ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ އެޓީމުން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އާޖެންޓީނާގެ މެސީ، ލިއެންޑްރޯ ޕަރޭޑެސް، ގޮންޒާލޯ މޮންޓިއެލް އަދި ލައުޓާރޯ މާޓިނޭޒް ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އެންޒޯ ފެނާންޑޭޒް ޖެހި ޕެނަލްޓި ވީ ނާކާމިޔާބެވެ. ނެދަލެންޑްސްގެ ކެޕްޓަން ވެންޑައިކް އާއި ބާހޯސް ޖެހި ޕެންލަޓީ މަތަކުރީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒްއެވެ. އޭގެ ފަހުން ޓޫޕްމެނާސް، ވޭހޯސްޓް އަދި ޑިޔޯންގ ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.

ސެމީ ފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަން ޖެހޭނީ ބްރެޒިލް ބަލިކޮށް ސެމީއަށް ދިޔަ ކްރޮއޭޝިޔާއާއެވެ.