English Edition
Dhivehi Edition

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައިފި އެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވުމަކީ، ވަރަށް ގިނަ ގޮތްގޮތުން ދިވެހިޤައުމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއްކަމުގައި ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި ދައުލަތަށް އެކަމަނާ ޚިދުމަތްކުރެއްވި 49 އަހަރަށްވުރެ ދިގު މުއްދަތުގައި ދައްކަވާފައި ވަނީ، މަސައްކަތަށް ކަމޭ ހިއްތެވުމާއި، ދިވެހި ދައުލަތަށް އިޚްލާސްތެރިވުމާއި، ސަރުކާރަށް ވަފާތެރިވުމުގައި ވަރަށް މަތިވެރި ނަމޫނާއެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން ލިޔުންތެރިކަމުގެ ރޮނގުންނާއި ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށް ކުރެއްވި ޚިދުމަތްތަކުގެ އިތުރުން، ދިވެހިރާއްޖޭގައި ލައިބްރަރީގެ ޚިދުމަތް ތަރައްޤީކުރައްވައި، ފުޅާކުރެއްވުމުގައި ޙަބީބާ އަދާކުރައްވާފައި ވަނީ، ޝުކުރުވެރިވުން ޙައްޤު ދައުރެއްކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާން ނިންމާލައްވާފައިވަނީ، އަލްމަރްހޫމާ ޙަބީބާ ޙުސައިން ޙަބީބުގެ ފުރާނަފުޅަށް، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި، އެކަމަނާގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވަމުން ނެވެ.

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ޙަބީބާ ޙުސައިން ޙަބީބު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، ހުސްވި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އޭ.ޑީ.ކޭ. ހޮސްޕިޓަލްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.