English Edition
Dhivehi Edition

މިހާރު ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16 ބުރުގެ ތިންވަނަ މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން ފްރާން އަދި ޕޮލަންޑް ބައްދަލުކުރާނެއެވެ. މި ދެޓީމު ބައްދަލުކުރާ މި މެޗު ކުޅުމަށް ހަމަ ޖެހިފައިވަނީ ދޯހާގެ އަލް ތުމާމާ ސްޓޭޑިއަމުގައެވެ. މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 20:00 ގައެވެ.

އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް މިފަހަރު ވޯލްޑް ކަޕް މުބާރާތުގެ ނޮކްއައުޓް މަރުހަލާއަށް ދަތުރުކޮށްފައިވާއިރު، މިއީ ވޭތުވެދިޔަ 16 އަހަރަށް ބަލާއިރު ފްރާންސް އިން ހޯދި ބޮޑު ކާމިޔާބީއެކެވެ. މީގެ ކުރިން 2010 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ސްޕެއިން އާއި 2014 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ކަން ހޯދި ޖަރުމަން ވަނީ އެ ޓީމުތަކުން ފަށި ދިފާއުކުރަން ނުކުތް އަހަރުގައި ގުރޫޕް މަރުހަލާއިން ވެސް ސަލާމަތް ނުވެވި މުބާރާތާއި ވަކިވާން ޖެހިފައެވެ.

މިފަހަރު އޮތީ ފްރާންސްއެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ޗެމްޕިއަން ކަން ހޯދި ފްރާންސް މިފަހަރު ނުކުންނަނީ ތަށި ދިފައުކުރުމުގެ އަޒުމުގައެވެ. ނަމަވެސް ޖަރުމަން އަދި އިޓަލީއަށް ދިމާވި ހިތްދަތި ގޮތް ފްރާންސްއަށް ދިމާ ނުވާނޭކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެއީ އެތީމުން ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުންނެވެ.

ޕޮލެންޑަށް ބަލާއިރު މިއީ ޕޮލެންޑުން 1986 ވަނަ އަހަރަށް ފަހު ވޯލްޑް ކަޕް ނޮކްއައުޓް ބުރުން ފުރުސަތު ހޯދި ފުރަތަމަ ފަހަރެވެ. ނަމަވެސް ގުރޫޕް ސްޓޭޖުން ޕޮލަންޑުން ނެރުނު ނަތީޖާތަށް އެހާ ރަނގަޅެއް ނޫނެވެ. އެއީ އެ ގުރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުން ޕޮލަންޑަށް ހަމަ އެކަނި މޮޅެއް ހޯދުނީ ސައޫދީ އަރަބިއާ އަތުން އެކަންޏެވެ. އެހެން ކަމުން ގުރޫޕް ސްޓޭޖުގައި ޕޮލަންޑުން ދެއްކި އާދައިގެ ކުޅުމަށް ބަލާއިރު، މިރޭ ފްރާންސް ބަލިކޮށް ކުއާޓާ ފައިނަލާއި ހަމައަށް ޕޮލަންޑަށް ދެވިދާނެތޯ، މިއީ ގިނަ ބަޔަކު އުފައްދާ ސުވަލެކެވެ.

ފްރާންސް

ފްރާންސް ވަނީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެތެރެއިން ދެމެޗުން މޮޅުވެ އެއް މެޗުން ބަލިވެފައެވެ. އެ ޓީމު ބަލިވީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓިއުނީޝިއާ އަތުންނެވެ. ނަމަވެސް ފްރާންސް ދެވަނަ ބުރުން ޖާގަ ހޯދީ ހަ ޕޮއިންޓާއި އެކު އެތީމު ހިމެނުނު ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ފްރާންސްއަށް ހާސްވާން ޖެހޭވަރުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ. އަނިޔާގެ މައްސަލައެއް ވެސް އަދި ސަސްޕެންސަނުގެ މައްސައެއްވެސް މެއެވެ.

މިރޭގެ މެޗުގައި ޕޮލަންޑާއި ދެކޮޅަށް ފްރާންސްސުން ރެނޭނެ ކަމަށް ބެލެވެނީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗާއި ދެވަނަ މެޗަށް ވެސް ނެރުނު 11 ކުޅުންތެރިންނެވެ.

ފްރާންސް: ހޫގޯ ލޮރިސް؛ ޖޫލްސް ކައުންޑޭ، ދަޔޮޓް އުޕަމެކާނޯ، ރަފައެލް ވަރާން، ތެއޯ ހަނާންޑޭޒް؛ އޮރެލިއަން ޗުއަމެނީ، އެޑްރިއަން ރަބިއޯޓް، އެންޓޮއިން ގްރިޒްމަން؛ އުސްމާނޭ ޑެމްބެލޭ، އޮލިވިއާ ޖިރޫޑް، ކިލިއަން އެމްބާޕޭ އެވެ.

ޕޮލަންޑް

ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ޕޮލަންޑަށް މޮޅުވެވުނި އެންމެ މެޗަކުންނެވެ. އެއީ ސައުދީ އަރަބިއާއާއި ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. ދެން ކުޅުނު ދެ މެޗުގެ ތެރެއިން އެއްމެޗުން އެއްވަރުވިއިރު، އަނެއް މެޗުން ވީ ބައްޔެވެ. އެހެން ކަމުން ޕޮލަންޑަށް މުބާރާތުގެ ދެވަބުރުން ފުރުސަތު ލިބުނީ ހަތަރު ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕް ސީގެ ދެވަނަ ލިބިގެންނެވެ.

މިރޭގެ މެޗަށް ނުކުންނައިރު، ޕލަންޑަށް ވެސް އަނިޔާގެ މައްސަލްއެއްނެތެވެ. ނަމަވެސް އެޓީމަށް ސަސްޕެންސަނުގެ މައްސައެއްވެސް ވަނި ކުރިމަތިވެފައެވެ. އެއީ ދެ ކާޑު ހަމަވެގެން އެޓީމުގެ ޑިފެންސިވް މިޑްފީލްޑަރު ގްރެގޯޒް ކްރިޗޯވިއާކް ވަނީ ސަސްޕެންޑުވެފައެވެ. އޭނާގެ ބަދަލުގައި މިރޭ އެ މަޤާމު ފުރާނެކަމަށް ބެލެވެނި ޖަކުބް ކިވިއޯއެވެ.

ގްރެގޯޒް ކްރިޗޯވިއާކް ސަސްޕެންޝަނުގައި ހުރި ނަމަވެސް މިރޭގެ މެޗަށް އެޓީމުން ނެރޭ ފުރަތަމަ 11 އަށް މާ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވެއެވެ.

ޕޮލެންޑް: ވޮޖްޗެޗް ޝްޗެސްނީ؛ ބާޓޮޒް ބެރެސިންސްކީ، ޖަކަބް ކިވިއޯ، ކާމިލް ގްލިކް، މެޓީ ކޭޝް؛ ޕްރްޒެމިސްލާވް ފްރެންކޯވްސްކީ، ސެބަސްޓިއަން ޒިމަންސްކީ، ކްރިސްޓިއަން ބިއެލިކް، ޕިއޮޓް ޒިއެލިންސްކީ؛ އާކާޑިއަސް މިލިކް، ރޮބަޓް ލެވަންޑޯސްކީ.

ފްރާންސް އަދި ޕޮލަންޑުގެ ތާރީޚީ ބައްދަލުކުރުންތައް

ފްރާންސާއި ޕޮލެންޑް ވަނީ މީގެ ކުރިން 16 ފަހަރު ބައްދަލުކޮށްފައެވެ. ނަމަވެސް ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1982 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައެވެ. މި މެޗުން 2-3 އިން ފްރާންސްގެ މައްޗަށް ކުރި ހޯދީ ޕޮލަންޑުންނެވެ. ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހަތަރު ފަހަރު މި ދެޓީމުން ބައްދަލުކުރިއެވެ. އޭގެ ތެރެއިން ދެމެޗު ފްރާންސް އިން ކާމިޔާބު ކުރިއިރު، އަނެއް ދެމެޗު ވަނީ އެއްވަރުވެފައެވެ. މީގެ އިތުރުން އެކުވެރިކަމުގެ 11 މެޗެއް މި ދެޓީމުން ވަނީ ކުޅެފައެވެ. އޭގެ ތެރެއިން ފަސް މެޗު އެއްވަރުވިއިރު، އަނެއް ހަ މެޗު ކާމިޔާބު ކުރީ ފްރާންސުންނެވެ.