English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް 2022 ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ޖީގެ ފަހު މެޗުގައި ރޭ ކެމަރޫން އިން ވަރުގަދަ ބްރެޒިލް ބަލިކުރި އިރު، ސާބިއާ ބަލިކޮށް ސްވިޒަލެންޑުން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ގުރޫޕް ސްޓޭޖުގައި ފުރަތަމަ ކުޅުނު ދެމެޗުން މޮޅުވެ، މާ ކުރިންވެސް ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފައިވާ ބްރެޒިލް ވަނީ 0-1 ގެ ނަތީޖާއިން ކެމްރޫން އަތުން ބަލިވެފައެވެ. އަދި ރޭ ގުރޫޕުގެ އެންމެ ފަހު މެޗުގައި ސްވިޒަލެންޑުން ވަނީ 2-3 އިން ސާބިއާ ބަލިކޮށް ދެވަނަ ބުރުން ޖާގައެއް ހޯދާފައެވެ.

ރޭގެ ނަތީޖާތަކާއި އެކު ގުރޫޕް ޖީގެ އެއްވަނަ ލިބުނީ ތިން މެޗުން ހަ ޕޮއިންޓު ހޯދި ބްރެޒިލް އަށެވެ. ރޭ ސާބިއާ އަތުން މޮޅުވެ ދެވަނަ ބުރަށް ދިޔަ ސްވިޒަލެންޑަށް ވެސް ހަ ޕޮއިންޓު ލިބިފައިވާއިރު، ބްރެޒިލް އަށް ގުރޫޕުގެ ކުރި ލިބުނީ ފައިދާ ގޯލުންނެވެ.

ކެމަރޫން އާއި ދެކޮޅަށް ކުޅެ ބަލިވި މެޗުގައި މޮޅަށް ކުޅެފައިވަނީ ބްރެޒިލުންނެވެ. އެގޮތުން އެޓީމުން ވނީ ގިނަ ހަމަލާތަކެއް ވެސް ކެމަރޫންގެ ގޯލާއި އަމާޒުކޮށް ފޮނުވަލާފައެވެ. ބްރެޒިލްގެ ގިނަ ހަމަލާތައް މަތަކުރީ މި މެޗުގައި މޮލު ކުލުމެއް ދެއްކި ކެމަރޫންގެ ކީޕަރު ޑާވިސް އެޕަސީ އެވެ. މި މެޗުގައި ކެމަރޫން އިން ބްރެޒިލްގެ މައްޗަށް ކުރި ހޯދި ހަމަ އެކަނި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ވިންސެންޓް އަބޫބަކާރެވެ.

މި ގުރޫޕުގައި ހިމެނޭ ސްވިޒަލެންޑު އަދި ސާބިއާ ބައްދަލުކުރި މެޗުގެ 20 ވަނަ މިނެޓުގައި ޒެރްޑަން ޝަގީރީ ޖެހި ގޯލުން ސްވިޒަލެންޑް ލީޑު ނެގި ނަމަވެސް ސާބިއާ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހާ ލީޑު ނަގާފައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު އަލެކްސަންޑަ މިޓްރޮވިޗް ޖަހައިިދިންއިރު، ސާބިއާގެ ދެ ވަނަ ލަނޑު ޖަހައިދިނީ ޑޫސާން ވްލަހޯވިޗް އެވެ. ސްވިޒަލެންޑުން ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ ކުޅުން ނިމެން ގާތްވެފައި ވަނިކޮށް 44 ވަނަ މިނެޓުގައި ބްރީލް އެމްބޯލޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ސްވިޒަލެންޑަށް މި މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ދެ ވަނަ ހާފުގެ 48 ވަނަ މިނެޓުގައި ރެމޯ ފްރެއޮލާއެވެ.

ދެ ވަނަ ބުރުގައި ބްރެޒިލް ނުކުންނާނީ ގްރޫޕް އެޗްގެ ދެ ވަނަ ހޯދި ދެކުނު ކޮރެއާއާ ދެކޮޅަށެވެ. ގުރޫޕުގެ ދެވަނަ ހޯދި ސްވިޒަލެންޑު ނުކުންނާނީ ގްރޫޕް އެޗްގެ އެއް ވަނަ ހޯދި ޕޯޗުގަލްއާ ދެކޮޅަށެވެ.

މުބާރާތުގެ ދެވަނަ ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭއިރު، ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނި ނެދަލެންޑްސް އާއި އެމެރިކާއާއެވެ. މި މެޗު ފަށާނީ މިރޭ 20:00 ގައެވެ. އަދި މިރޭ ދަންވަރު 12 ޖަހާއިރު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އާޖެންޓީނާއާއި އޮސްޓްރޭލިއާ އެވެ.