English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެޗްގައި މިރޭ ޕޯޗުގަލް 2-1 އިން ބަލިކޮށް، މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ދެކުނު ކޮރެއާ އިން ހޯދައިފި އެވެ.

ޕޯޗުގަލް ބަލިކޮށް ދެކުނު ކޮރެއާއިން ދެވަނަ ބުރު ޔަގީން ކުރިއިރު، މި ގްރޫޕްގެ އަނެއް މެޗުން، މިރޭ ގާނާ އަތުން 2-0 އިން މޮޅުވި، އުރުގުއޭ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ ޓީމަށް ފުރުސަތު ގެއްލުނީ ޕޯޗުގަލް އަތުން ކޮރެއާ މޮޅުވުމުންނެވެ. ދެކުނު ކޮރެއާ އަށް ދެ ވަނަ ބުރުގެ ޖާގަ ލިބުނީ އުރުގުއޭއާ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ގޯލުގެ ތަފާތަށް ބަލާއިރު ވެސް ދެ ޓީމު ހަމަހަމަވެ، ޖެހި ގޯލުގެ އަދަށް ބަލައި ކޮރެއާއަށް ކުރި ލިބުމުންނެވެ.

މި ގްރޫޕުގެ އެއް ވަނަ ޕޯޗުގަލް އަށް ލިބުނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ލިބިގެންނެވެ. ގްރޫޕްގެ ފުލުގައި އޮވެ، ކެޓި ގާނާ އަށް ލިބުނީ ތިން މެޗުން ތިން ޕޮއިންޓެވެ.

މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވެފައި، އޮތުމުން ޕޯޗުގަލް އިން މި މެޗަށް ނުކުތީ ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ. މެޗު ފެށިގެން ރަނގަޅަށް ކުޅުނު ޕޯޗުގަލްއިން ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ހޯޓާ ޖަހައިދިން ލަނޑުންނެވެ. ދެކުނު ކޮރެެއާ އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 27 ވަނަ މިނެޓުގަ އެވެ. މި ލަނޑު ޖަހައިދިނީ ކިމް ޔޮން ގްވޮން އަށެވެ. ކޮރެއާއިން ޕޯޗުގަލް ބަލިކުރި ލަނޑު މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ އުފެއްދި ކައުންޓަ އެޓޭކުގައި ދެކުނު ކޮރެއާގެ ކެޕްޓަން ސޮން ހެއުން މިން ދިން މޮޅު ބޯޅަ އަކުން ހުވަން ހީ ޗަން އެވެ. މި ލަނޑާއި އެކު އުރުގުއޭ ފަހަތައް ޖައްސާލުމަށް ފަހު ގްރޫޕުގެ ފުލުގައި އޮތް ދެކުނު ކޮރެއާ އަށް މި މެޗުން ތިން ޕޮއިންޓު ލިބި ތާވަލްގެ ދެ ވަނަ އަށް ޖެހިލައި ދެ ވަނަ ބުރުގެ ޖާގަ ލިބުނެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ގާނާ އަތުން އުރުގުއޭ 2-0 އިން މޮޅުވީ ފުރަތަމަ ހާފުގައި ޖެހި ދެ ލަނޑާއި އެކުގަ އެވެ. އެ ޓީމުގެ ދެ ލަނޑުވެސް ޖަހައިދިނީ މި ޖިއޮޖިއާން ޑި އަރަސްކައޭޓާ އެވެ.

މި މެޗުގައި އުރުގުއޭ އިން ދެ ލަނޑު ޖެހުމުގެ ކުރިން ގާނާއަށް ރަނުގެ ފުރުސަތެއް ވަނީ ލިބިފއެވެ. ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަންދްރޭ އަޔޫ ފޮނުވާލި ބޯޅަ ކީޕަރު ސާޖިއޯ ރޮޗޭ ވަނީ މަތަކޮށްފަ އެވެ. މި މެޗުން އުރުގުއޭ މޮޅުވި ނަމަވެސް އުރުގުއޭ ވަނީ ވޯލްޑްކަޕްގެ ދެވަނަ ބުރަށް ނުގޮސް ކަޓައިފަ އެވެ. އަނެއްކޮޅުން މި މެޗު އެއްވަރުކޮށްލައިގެން ދެ ވަނަ ބުރުގެ ފުރުސަތު އޮތް ގާނާ ވެސް ވަނީ ދެވަނަ ބުރަށް ނުގޮސް މުބާރާތުން ކަޓާފައެވެ.

މުުބާރާތުގެ ދެ ވަނަ ބުރުގައި ޕޯޗުގަލް އާއި ދެކުނު ކޮރެއާ ކުޅޭ ދެ ޓީމް ޔަގީން ވާނީ މިރޭ ދަންވަރު 12 ޖަހާއިރު ކުޅޭ ގްރޫޕް ޖީގެ ފަހު ދެ މެޗުތަކަށް ފަހުގައެވެ.