English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ކްރޮއެޝިއާއާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، ބެލްޖިއަމް ކެޓިއިރު، ކެނެޑާ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކޮށްފިއެވެ.

ބެލްޖިއަމް އާއި ކްރޮއޭޝިއާ މެޗު ލަނޑެއް ނުޖެހި އެއްވަރުވީ 0-0 އިންނެވެ. އަދި ކެނެޑާ އަތުން މޮރޮކޯ މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ.

ގުރޫޕް އީއިން މޮރޮކޯ އަދި ކްރޮއޭޝިއާ ދެވަނަބުރަށް ދިޔައިރު، މޮރޮކޯ ދެވަބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކްރޮއޭޝިއާ ދެވަބުރަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއި އެކު ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕުން ކްރޮއޭޝިއާ އަތުން ބަލި ބެލްޖިއަމަށް ލިބުނީ ތިން ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނައެވެ. އަދި ކެނެޑާ އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ފުލުގައެވެ.

މޮރޮކޯ އަދި ކެނެޑާ ބައްދަލުކުރި މެޗުގައި މޮޅަށް ކުޅުނީ މޮރޮކޯއިންނެވެ. އެގޮތުން މޮރޮކޯއިން ވަނީ މެޗުގެ ހަތަރު ވަނަ މިނެޓުގައި ލަނޑު ޖަހާ ލިޑު ނަގާފައެވެ. މި ލަނޑު މޮރޮކޯއަށް ޖަހައިދިނީ ހަކީމް ޒިޔެޗްއެވެ. މޮރޮކޯއިން ލީޑު ފުޅާކުރީ 23 ވަނަ މިނިޓުގައި ނަސޭރީ ޖެހި ލަނޑުންނެވެ. ކެނެޑާއިލް މި މެޗުގައި ޖެހި ހަމަ އެކަނި ލަނޑަކީ ފުރަތަމަ ހާފުގެ ފަހުކޮޅު މޮރޮކޯގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިރޭ ބެލްޖިއަމް އާއި ކްރޮއޭޝިއާ ކުޅުނު މެޗު އެއްވަރުވިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ލަނޑު ޖަހަން މި މެޗުގައި އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ބެލްޖިއަމްއަށެވެ. ބެލްޖިއަމްގެ ލުކާކޫ އަށާއި މާޓެން އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، މި ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. ނަތީޖާއަކަށް ވީ ބެލްޖިއަމް މެޗު އެއްވަރުވެ މުބާރާތުން ވަކިވާން ޖެހުމެވެ.