English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޑީ ގެ ފަހު މެޗުތައް މިރޭ ކުޅެނިމުނުއިރު، ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ފްރާންސް އަދި ދެވަނަ ޓީމުގެ ގޮތުގައި އޮސްޓްރޭލިއާ ދެވަނަ ބުރުން ފުރުސަތު ހޯދައިފިއެވެ.

ގުރޫޕުގެ ފަހު މެޗުން ފްރާންސް ވަނީ 0-1 އިން ޓިއުނީޝިއާ އަތުން ބަލިވެފައެވެ. މި މެޗުން ބަލިވި ނަމަވެސް ފްރާންސްއަށް ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ފުރުސަތު ލިބުނީ ކުޅުނު ތިން މެޗުން 6 ޕޮއިންޓް ލިބިގެންނެވެ. ގުރޫޕު ޑީގައި ޑެންމާކް އަތުން މޮޅުވި އޮސްޓްރޭލިއާ އަށް ވެސް ލިބެނީ ތިން މެޗުން ހަ ޕޮއިންޓެވެ. ނަމަވެސް ފްރާންސްއަށް ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ.

މިރޭގެ މެޗުން ފްރާންސް އަތުން ޓިއުނީޝިއާ މޮޅުވި ނަމަވެސް، އެޓީމަށް ވަނީ މުބާރާތާ ވަކިވާން ޖެހިފައެވެ. އޮސްޓްރޭލިއާ އަތުން ބަލިވެ، މުބާރާތާ ވަކިވާން ޖެހުނު ޑެންމާކަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މިރޭ ފްރާންސް އަދި ޓިއުނީޝިއާ ބައްދަލުކުރި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ޓިއުނީޝިއާއަށް ޖަހައިދިނީ މެޗުގެ 85 ވަނަ މިނެޓުގައި ވަޙްބީ ކަޒްރީއެވެ.

މި ގުރޫޕުގައި ހިމެނޭ ޑެންމާކް އަދި އޮސްޓްރޭލިއާ ބައްދަލުކުރި މެޗުގައި އޮސްޓްރޭލިއާގެ ހަމަ އެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި. ޖަހައިދިނީ މެތިއު ލެކީ އެވެ.

ފްރާންސާއި، އޮސްޓްރޭލިއާ ދެ ވަނަ ބުރުގައި ވާދަކުރަން ޖެހޭ ޓީމެއް އެނގޭނީ މިރޭ ގްރޫޕް ސީ ގައި ކުޅޭ 2 މެޗަށް ފަހުގައެވެ.