ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ސަމަރުބްލޫ އިބްރާހީމް މަނިކު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ތައުބީނުގެ ޖަލްސާއެއް ބޭއްވެވުމަށާއި، ތަޢުޒިޔާގެ ދަފްތަރެއް ހުޅުއްވުމަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.
ތައުބީނުގެ ޖަލްސާ އިންތިޒާމު ކުރައްވާނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާނީ، ދިވެހިރާއްޖޭގެ އަޑުގަ އެވެ.
އެއީ، ދިވެހިރާއްޖޭގެ އަޑަކީ، އަލްމަރްޙޫމް އިބްރާހީމް މަނިކު އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މުއައްސަސާ ކަމަށްވާތީ އެވެ.
ސަމަރުބުލޫ އިބްރާހިމް މަނިކު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އަވަހާރަވީ އިންޑިއާ ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުރުމުން 72 އަހަރުގަ އެވެ.
އަވަހާރަވިއިރު ތިން ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާގެ އަނބިކަނބަލުން ފަރީޝާ އިބްރާހީމް ވަނީ ދެތިން އަހަރު ކުރިން އަވަހާރަވެފަ އެވެ.
ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ސަމަރުބްލޫ އިބްރާހީމް މަނިކު ވަނީ އިންފޮމޭޝަން މިނިސްޓަރު ކަން ވެސް ކުރައްވާފަ އެވެ.
ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ވަރަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާއިރު، އެ ދާއިރާއަށް ގިނަ ބަޔަކު ނެރެދެއްވާފައިވެސް ވެއެވެ.
އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވާ ބްރޯޑްކާސްޓިންގ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފަ އެވެ.
މި އެވޯޑު އަރުވާފައިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފުރަތަމަ ފަހަރަށް ބޭއްވި “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022” ޙަފްލާގަ އެވެ.