English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވޭލްސް ކަޓުވާލުމަށް ފަހު ގްރޫޕް ބީގެ އެއް ވަނަ ހޯދައި އިންގްލެންޑުން ދެ ވަނަ ބުރަށް ދަތުރު ކުރިއިރު، އިރާން ކަޓުވާލައި، އެމެރިކާ އިން ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ގްރޫޕްގެ ފަހު މެޗުގައި އިންގްލެންޑުން 3-0 އިން ވޭލްސް ބަލިކޮށް ހަތް ޕޮއިންޓާ އެކު އެއް ވަނަ ހޯދިއިރު، އެމެރިކާ އިން ވަނީ ފަހު މެޗުގައި އިރާން އަތުން 1-0 އިން މޮޅުވެ ފަސް ޕޮއިންޓާ އެކު ދެ ވަނަ ހޯދައިފަ އެވެ.

މި ނަތީޖާތަކާ އެކު ދެ ވަނަ ބުރުގައި އެމެރިކާ ނުކުންނާނީ ގްރޫޕް އެކެއްގެ އެއް ވަނަ ހޯދި ނެދަލެންޑްސްއާ ދެކޮޅަށެވެ. އިންގްލެންޑު ދެ ވަނަ ބުރުގައި ނުކުންނާނީ ގްރޫޕް އޭ އިން ދެ ވަނަ ހޯދި ސެނެގާލްއާ ދެކޮޅަށެވެ. ދެ މެޗު ވެސް ކުޅޭނީ އަންނަ މަހުގެ 3 ވާ ހޮނިހިރު ދުވަހުގަ އެވެ.

ވޭލްސް އަތުން އިންގްލެންޑުން ކުރި ހޯދި މެޗުގައި ފެނުނު ތިން ލަނޑަކީވެސް ދެވަނަ ހާފުގައި އިންގްލެންޑުން ޖެހި ލަނޑުތަކެކެވެ. އެޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. ރަޝްފޯޑު ޖެހި ފުރަތަމަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ޖެހި ލަނޑެކެވެ. އިންގެލެންޑުން ފުރަތަމަ ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ފިލް ފޮޑެން އެވެ. އިންގްލެންޑުގެ ފަހު ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި ރަޝްފޯޑު ޖަހައިދިނީ ކެލްވިން ފިލިޕްސް ގެ އެހީތެރިކަމާއި އެކުގައެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި އެމެރިކާ އިން އީރާންގެ މައްޗަށް 1-0 ގެ ނަތީޖާއިން ކުރި ހޯދިއިރު، އެމެރިކާގެ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. މިރޭ އަށެއް ޖަހާއިރު ކުޅޭނީ ގްރޫޕް ސީގެ ފަހު ދެ މެޗެވެ. މިގޮތުން ފްރާންސް ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ. ޑެންމާކް ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. މިރޭ ދަންވަރު ބާރަ ޖަހާއިރު ކުޅޭނީ ގްރޫޕް ޑީގެ ފަހު ދެ މެޗެވެ. އާޖެންޓީނާ އިން ޕޮލަންޑާއި ދެކޮޅަށް ނުކުންނައިރު މެކްސިކޯ އިން ނުކުންނާނީ ސައުދީ އަރަބިއްޔާ އާ ދެކޮޅަށެވެ.