English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީގައި މިރޭ ކުޅުނު މެޗުން ސްވިޒަލެންޑް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރުން ބްރެޒިލް ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭގެ މެޗުން ސްވިޒަލެންޑް އަތުން ބްރެޒިލް މޮލުވި ހަނި ގޮތަކަށް 0-1 ގެ ނަތީޖާއިންނެވެ.

މި މޮޅާއެކު ދެވަނަބަ ބުރަށް ބްރެޒިލް ދަތުރުކުރީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. ބްރެޒިލް މިވަގުތު އޮތީ ގްރޫޕްގެ އެއް ވަނާގައެވެ. ބްރެޒިލް އަތުން ބަލިވި ސްވިޒަލެންޑް ދެވަނާގައި އޮތީ ދެ މެޗުން ހޯދި ތިން ޕޮއިންޓާއެކުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއިން މޮޅަށް ކުޅުނު ނަމަވެސް، ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވިއެވެ. މި ހާފުގައި ވިނީޝިއަސް އަދި ރަފީނާ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި ނަމަވެސް، ސްވިޒަލެންޑްގެ ގޯލްކީޕަރ ޔަން ސޮމާ ވަނީ އެ ބޯޅަތައް ދިފާއު ކޮށްފައެވެ.

ދެ ވަނަ ހާފުގައި ވެސް ބްރެޒިލް ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 64 ވަނަ މިނިޓުގައި ކަސެމީރޯ އޭރިޔާގެ ތެރެއަށްލި ބޯޅައަކުން ވިނީޝިއަސް ގޯލު ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު އެއީ އޮފްސައިޑު ލަނޑެއް ކަމަށް ކަނޑައެޅިއެވެ.

ލަނޑެއް ޖަހަން ބްރެޒިލުން ކުރި މަަސައްކަތް ކާމިޔާބުވީ މެޗުގެ 83 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއިން ބްރެޒިލްގެ ރޮޑްރީގޯ ޖައްސާލި ބޯޅަ ކަސެމީރޯ ވަނީ އެއް ފަހަރުން ވޮލީ އަކުން ގޯލުގެ މަތީ ކަަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ސްވިޒަލެންޑްގެ ޑިފެންޑަރު، މެނުއަލް އަކަންޖީ ގައިގަ ވެސް ޖެހިފަ އެވެ.