English Edition
Dhivehi Edition

ގަތަރުގައި މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި ރޭ އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރަތުގެ ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލްއިން ކަށަވަރުކޮށްފިއެވެ.

ލުސާއިލް ސްޓޭޑިއަމުގައި ރޭ އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗު ޕޮޗުގަލް އިން ކާމިޔާބު ކުރީ 0-2 ގެ ނަތިޖާއިންނެވެ.

މި މެޗުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެތީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުރުގުއޭގެ ގޮލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މީގެ އެއްވެސް ހަމަލާއެއް ކާމިޔަބެއް ނުވިއެވެ. އުރުގުއޭއިން ވެސް މި ހާފުގައި ފަސް ހަމަލާއެއް އުފެއްދި އިރު، މީގެން ގޯލާއި އަމާޒުވެފައިވަނީ މަދު ހަމަލާއެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެޗުގެ ފަހު ހާފަށް ނުކުމެވެސް ރަނގަޅަށް ކުޅެ އުރުގުއޭގެ ހާފުތެރޭގައި ކުޅެމުން އައީ ޕޯޗުގަލް އިންނެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ޕޯޗުގަލް އިން ލަނޑު ޖަހާ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. އޭނާ މި ލަނޑު ޖެހީ އުރުގުއޭގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ޕޯޗުގަލް ދެ ވަނަ ލަނޑުވެސް ބުރޫނޯ ކާމިޔާބު ކޮށްދިންއިރު، މިއީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން މޮޅުވެ ޕޯޗުގަލް ދެވަނަ ބުރަށް ދަތުރުކުރިއިރު އެޓީމު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް އެޗްގެ އެއްވަނާގައެވެ. ކުޅުނު ދެމެޗުން ތިން ޕޮއިންޓް ލިބިގެން ގުރޫޕުގެ ދެވަނާގައި އޮތީ ގާނާއެވެ.. ތިން ވަނާގައި އޮތް ސައުތު ކޮރެއާ އާއި ހަތަރުވަނާގައި އޮތް އުރުގުއޭއަށް ލިބެނީ އެއް ޕޮއިންޓެވެ.

ޕޯޗުގަލްއަކީ މުބާރާތުގެ ދެވަނަ ބުރު ޔަގީންކުރި ތިންވަނަ ޓީމެވެ. މީގެ ކުރިން ދެވަނަ ބުރު ކަށަވަރު ކޮށްފައި ވަނީ ބްރެޒިލް، އަދި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއެވެ. ޕޯޗުގަލް ގުރޫޕުގެ ފަހު މެޗުގައި ނުކުންނާނީ ކޮރެއާއާއި ދެކޮޅަށެވެ.