English Edition
Dhivehi Edition

ކަމާބެހޭ ފަންނީ މަޢޫލޫމާތުގެ އަލީގައި ނައިޓްރޮޖެން މެނޭޖްކުރުމަށް ރާއްޖެއިން ޕޮލިސީތައް ހަދައި ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ޙައްލުހޯދުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް (އެސް.އޭ.އެން.އެޗް.)ގެ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ “މޭސިވް އޯޕެން ލާނިންގ ކޯސް” އަދި ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް މޯލްޑިވްސްގެ ކަންޓްރީ ރިޕޯޓް ނެރެދެއްވާފައެވެ. މި ކަންޓްރީ ރިޕޯޓްގައި ރާއްޖޭގައި ނައިޓްރޮޖެންގެ ޙާލަތު ހުރިގޮތާއި މެނޭޖްމަންޓް ސްޓްރެޓެޖީތައް އެކުލެވިގެންވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، “ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް” (އެސް.އޭ.އެން.އެޗް.)ގެ ބައްދަލުވުން ރާއްޖޭގައި ބޭއްވޭތީ އެކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ ނައިޓްރޮޖެން މެނޭޖްކުރުމުގެ ކަންކަން ޢިލްމީ އަދި ދިރާސާގެ މައްޗަށް ބިނާކޮށްގެން ކުރިޔަށްގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަން އެމަނިކުފާނުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކަމަށްޓަކައި ތަޢުރީފް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅެމުންދާ ނާޒުކު ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޞިނާޢަތްތަކާއި، ވިޔަފާރިތަކަށާއި، ފަރުދުންގެ ޞިއްޙަތާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްވެސް ނުރައްކާ ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، ދުޅަހެޔޮ ދުނިޔެއެއް ބިނާކުރުމަށްޓަކައި، އެކި ދާއިރާތަކުން ނައިޓްރޮޖެން މަދުކުރުމުގެ ސިޔާސަތުތައް އެކުލަވާލާއިރު އޭގައި ނައިޓްރޮޖެން މަދުކުރުމުގެ އަމާޒުތައް ކަނޑައެޅުމާއި ނައިޓްރޮޖެންގެ ޙާލަތު އޮތްގޮތް ދެނެގަތުމާއި މި ޕްލޭންތައް ހަރުދަނާގޮތެއްގައި ތަންފީޒުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެކުނު އޭޝިއާގެ އާބާދީ މިހާރު 2 ބިލިޔަނަށް އަރާއިރު 2050 ވަނައަހަރާއި ހަމައަށް އަންނަ އިރު މި ޢަދަދު ދެގުނަ ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި ސަރަޙައްދުގައި ދަނޑުވެރިކަމުގެ ތެރޭގައި ބޭނުންކުރާ ނައިޓްރޮޖެންއާއެކު 2050 ވަނަ އަހަރާހަމައަށް ދާއިރު ދުނިޔޭގައި އެންމެގިނައިން ނައިޓްރޮޖެން ބޭނުންކުރާ ސަރަޙައްދަކަށް ވެސް މި ސަރަޙައްދު ވެގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން މި ސަރަޙައްދުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށްޓާއި، ތަރައްޤީގެ ކަންކަމުގައިވެސް ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެސް.އޭ.އެން.އެޗް.ގެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ އަށް ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.