English Edition
Dhivehi Edition

އައްޑޫ ސިޓީ ފޭދޫގައި މަރާލި. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާ 21އ، މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބޮޑެތި މީހުންނަށް ދައުވާކޮށްފި އެވެ.

ޒަޔާންއަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އޭނާ މަރުވެފައިވަނީ ލިބުނު ޒަޚަމްތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް އެމަހުގެ ތިން ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މި މައްސަލައިގާ މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ހަތަރު ކުދިން ވެސް ހިމެނެއެވެ. އެއީ 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

ޒަޔާންގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުން:

  • އަހުމަދު ޝުއާއު (24އ)، ދިރިމާގެ/ސ. ފޭދޫ
  • އަބްދުﷲ ޝިޔާއު ރަޝީދު (22އ)، ދިރިމާގެ/ސ. ފޭދޫ
  • އައިލިޝް އަލީ (19އ)، ފުފޫމާގެ/ސ. ފޭދޫ
  • އަބްދުﷲ ނިޒާރު (28އ)، ކާމަރަގަގެ، ސ. ފޭދޫ
  • އަހްމަދު އަބްދުﷲ (25އ)، ކަރަންފޫގެ، ސ. ފޭދޫ
  • ޔައިޝް އަންވަރު (19އ)، ކަދުރުމާގެ، ސ. ހިތަދޫ
  • އަހްމަދު ނަބީލް (34އ)، ސަންޝައިން، ސ. ފޭދޫ

ޔައީސް އާއި އައިލިޝްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ބިރުދެއްކުމުގެ ކުށުގެ ދައުވާއާއި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ 8 ދައުވާ އެވެ.

މިމައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ގެ ފަސް ވަނަ މާއްދާގެ (ހ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި 18 އަހަރު ނުފުރޭ އިތުރު 03 ތިން ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ) ގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލައި މިދިޔަ މަހުގެ 6 ވަނަ ދުވަހު ވަނީ ޖުވެނައިލް ކޯޓަށް ހުށަހަޅައިފަ އެވެ.

ޕީޖީން ބުނި ގޮތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.
ޑައިވާޝަނަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ގާނޫނާ ހިލާފުވާ ކުދިންނަށް ޝަރުއީ ނިޒާމުގެ ބޭރުން ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތެކެވެ.

ޑައިވާޝަން އެގްރީމަންޓަށްފަހު، އެ ކުދިން މިހާރު ތިބީ ގޭ ބަންދުގައެވެ. އެކަން ކަށަވަރުކޮށްދެމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި ޑައިވާޝަންގެ ބޭނުމަށްޓަކައި އެކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ކުދިންނަށް ކުރި ދައުވާ ޕީޖީން އަނބުރާ ގެންދާނެ ކަމަށާއި ނަމަވެސް ޑައިވާޝަން އެގްރިމެންޓާ ހިލާފުވެއްޖެނަމަ އަލުން ދައުވާ ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.