English Edition
Dhivehi Edition

ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި ގުރޫޕް އެފްގައި ހިމެނޭ ބެލްޖިއަމް އާއި ދެކޮޅަށް ކުޅުނު މެޗު މޮރޮކޯ އިން ކާމިޔާބު ކޮށްފިއެވެ.

ދޯހާގެ އަލް ތުމާމާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން މޮރޮކޯ މޮޅުވީ ބެލްޖިއަމް އާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ.

މި މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅުނީ މޮރޮކޯއިންނެވެ. އެގޮތުން މޮރޮކޯ އިން ދޭތެރެ ދޭތެރެއިން ދިޔައީ ނުރައްކާތެރި ހަމަލާތައް އުފައްދަމުންނެވެ. ނަަމަވެސް ބެލްޖިއަމްގެ ޑިފެންސުން ވެސް ދިޔައީ އެ ހަމަލާތައް ނާކާމިޔާބުކުރަމުންނެވެ. ފުރަތަމަ ހަފުގެ ވަކި ހިސާބަކުން ބެލްޖިއަމުން ވެސް ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓްގައި މިއުނިއަރ ވަނީ ރަނގަޅު ހަމަލާއެއް މޮރޮކޯގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާ ދިފާއުކުރީ މޮރޮކޯގެ ކީޕަރެވެ.

މި ހާފުގައި މޮރޮކޯގެ އެންމެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައީ މެޗުގެ 34 ވަނަ މިނެޓްގައެވެ. ބެލްޖިއަމް މުޅި ޓީމުން ކުރިޔަށް ޖެހިގެން ކުޅެމުން ދަނިކޮށް މޮރޮކޯއިން އުފެއްދި ކައުންޓައެޓޭކެއްގައި އަޝްރަފް ހަކީމީ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެެވެ. ފުރަތަމަ ހާފްގެ އިތުރުވަގުތަށް ލިބުނު އެއް މިނެޓް ތެރޭގައި މޮރޮކޯގެ ހަކީމް ޒިޔެޗް ވަނީ ލަނޑެއް ވެސް ޖަހާފައެވެ. ލިބުނު ހިލޭ ޖެހުމަކުން ޒިޔެޗް ފޮނުވާލި ބޯޅަ ގޯލުގެތެރެއަށް ވަތް ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ގޯލު ވަނީ ކެންސަލް ކޮށްފައެވެ.

ދެވަނަ ހާފް މޮރޮކޯއިން ވަރުގަދަކޮށް ފަށާފައިވާއިރު އެޓީމުން ދިޔައީ ވަރަށް ބޮޑަށް ،މެޗު ކޮންޓްރޯލުކޮށް ހަމަލާތައް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މޮރޮކޯއިން ވަނީ މެޗުގެ 72 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މޮރޮކޯއަށް ޖަހައިދިނި އަބްދުލްހާމިދު ސަބީރީއެވެ. ދެވަނަ ހާފްގެ އިތުރު ވަގުތުގައި މޮރޮކޯއިންވަނީ ދެވަނަ ލަނޑު ޖަހާ ލީޑް ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ޒިޔެޗް ނަގައިދިން ހުރަހަކުން އަބޫޚުލާލްއެވެ.

މިރޭ ބެލްޖިއަމް އަތުން ހޯދި މޮޅާއި އެކު މޮރޮކޯ ވަނީ 4 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. 3 ޕޮއިންޓާއެކު މި މެޗުން ބަލިވި ބެލްޖިއަމް ދެވަނަ އަށް ވެއްޓިފައިވާއިރު ކްރޮއޭޝިއާ އޮތީ އެއް ޕޮއިންޓާއެކު ތިންވަނައިގައެވެ. އަދި ޕޮއިންޓެއް ނުލިބި ކެނެޑާ އޮތީ ގުރޫޕް ގެ ފުލުގައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބެލްޖިއަމް ދެން ބައްދަލުކުރާނީ ކްރޮއޭޝިއާއާއެވެ. އަދި މޮރޮކޯ ބައްދަލުކުރާނީ ކެނެޑާއާއެވެ.