English Edition
Dhivehi Edition

ގަތަރުގައި މިހާރު ފެށިގެން ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި މިއަދު ޖަޕާނާއި ވާދަކުރި މެޗު ކާމިޔާބު ކޮށް ކޮސްޓަރިކާ އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

އަހުމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮސްޓަރިކާ އިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

މި މެޗަށް ނުކުތްއިރު، ދެޓީމު ވެސް ވަނީ މީގެ ކުރިން އެއްމެޗު ކުޅެފައެވެ. ޖަޕާނުން ފުރަތަމަ ކުޅުނު މެޗުގައި ޖަރުމަން ބަލިކޮށް ތިން ޕޮއިންޓު ހޯދާފައިވާއިރު، ކޮސްޓަރިކާ ވަނީ ފުރަތަމަ ކުޅުނު މެޗުން ސްޕެއިން އަތުން ބަލިވެފައެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޖަޕާނުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ޖަޕާނުން ވަނީ ގިނަ ހަމަލާތަކެއް ކޮސްޓަރިކާގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

ދެވަނަ ހާފު ވެސް ޖަޕާނުން ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން ޖަޕާންގެ ޓީމުން ފުލުފުލުގައި ތިން ހަމަލާއެއް ކޮސްޓަރީކާގެ ގޯލާ އަމާޒުކޮށް ފޮނުވާލިއެވެ. ޖަޕާނުގެ ހިޑެމަސާ މޮރީޓާ ފޮނުވާލި ހަމަލާ ކާލޯ ނަވަސް މަތަކުރިއިއުރު، ޓަކޫމާ އޮސާނޯ ފޮނުވާލި ހަމަލާވެސް ކާމިޔާބު ނުވިއެވެ. މީގެ އިތުރުން އަސާނޯ ބޮލުން ފޮނުވާލި ހަމަލާ ވެސް ނަވަސް ވަނީ ދިފާއު ކޮށްފައެވެ.

ޖަޕާނުން ޓީމު ރަނގަޅަށް ކުޅެނިކޮށް ކޮސްޓަރިކާ ޓީމުން ލަނޑު ޖަހާ މެޗުގެ ލީޑު އަތުލީ 80 ވަނަ މިނެޓުގައެވެ. މި ލަނޑު ކޮސްޓަރިކާއަށް ކާމިޔާބު ކޮށްދިނީ ކެޝާ ފުލާއެވެ. މި ލަނޑަށް ފަހު ވެސް ޖަޕާނުން ރަނގަޅަށް ކުޅެ ލަނޑެއް ޖހޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އުޅެނިކޮށް މެޗުގެ ކުޅުން ނިމުނެވެ.

މި މޮޅާއެކު ކޮސްޓަރިކާ އަށް ލިބުނު ތިން ޕޮއިންޓާއެކު އެޓީމު ތާވަލުގެ ތިން ވަނައަށް ޖެހިލިއިރު، އެއްވަނާގައި އޮތް ސްޕެއިން އަދި، ދެވަނާގައި އޮތް ޖަޕާނަސް ވެސް ލިބެނި ތިން ޕޮއިންޓެވެ. ސްޕެއިންއާއި ޖަޕާނަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.