English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ ގެ ދަރިފުޅު ފެންނަ ފޮޓޯއެއް، ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރުގައެވެ. މި ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބިފައިވަނީ 12 ނޮވެމްބަރު 2022 ވަނަ ދުވަހުއެވެ. ބިޕާޝާ ފުރަތަމަ ދަރިފުޅަށް ބަލިވެ އިންކަން އިއުލާންކޮށްފައިވަނީ، ވިހަން ކައިރިވެފައިވަނިކޮށެވެ. ދެމީހުންގެ ނަމާއި ގުޅުވައިގެން ކުއްޖާއަށް ނަން ކިޔާފައިވާއިރު، ކުއްޖާ އަށް ކިޔާފައިވަނީ ދޭވީ ބާސޫ ކަރަން ސިންގް ގްރޯވާއެވެ.

ބިޕާޝާގެ ދަރިފުޅު ބަލާލުމަށް ގިނަ ބަޔަކު ކެތްތެރިކަން ކުޑަވެފައިވާއިރު، އެންމެ ފަހުން އޭނާ ވަނީ އިންސްޓަގްރާމްގައި ކަރަން އަދި ދަރިފުޅާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައެވެ. އެހެންނަމަވެސް އެ ފޮޓޯއިންވެސް ދަރިފުޅު މޫނު ދައްކާފައި ނުވާއިރު، ގިނަ ބަޔަކު އަދިވެސް ތިބީ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ވަރަށް އަވަހަށް އާންމުކުރާނެކަމުގެ އުއްމީދުގައެވެ.

ފިލްމް ‘އެލޯން’ގެ ސެޓުން ދިމާވެ ބިޕާޝާ އާއި ކަރަންގެ ލޯބީގެ ގުޅުން ފެށިގެން ދިޔައިރު މި ދެތަރިން ފާހަގަކުރެވިފައިވަނީ އަބަދުވެސް ވަރަށް ލޯބިން އުޅޭ ދެ ތަރިންގެ ގޮތުގައެވެ. އަދި ސޯޝަލް މީޑީއާގައިވެސް މި ކަން ދެ ތަރިން ވަރަށް ބޮޑަށް ހާމަކުރާތަން ފެނެއެވެ.