English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީ ގައި ރޭ މެކްސިކޯ ބަލިކޮށް މުބާރާތުގެ ދެ ވަނަ ބުރުގެ އުންމީދު އާޖެންޓީނާ އިން އާކޮށްފި އެވެ.

ލުސާއިލް ސްޓޭޑިއަމުގައި މެކްސިކޯއާއި ދެކޮޅަށް ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

ފުރަތަމަ މެޗުގައި ސައޫދީ އަރަބިއާ އަތުން ބަލިވި ނަމަވެސް ރޭ މެކްސިކޯއާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާ އާޖެންޓީނާއިން ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. ރޭގެ މި މެޗަށް ނުކުންތްއިރު، އާޖެންޓީނާއަށް އޮތީ މުބާރާތުގައި އިތުރަށް ކުރިއަށްދާން ބޭނުންނަމަ މެޗުން މޮޅެއް ހޯދުމަށް މަޖުބޫރުވެފައެވެ. އެގޮތުން މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު އާޖެންޓީނާއިން ވަނީ ގްރޫޕް ސީގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އޮތީ ޕޮލެންޑެވެ. އާޖެންޓީނާ އަތުން ފުރަތަމަ މެޗުގައި މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނާގައި ސައުދީ އޮތްއިރު ޕޮއިންޓަކާއެކު ތާވަލުގެ ފުލުގައި އޮތީ މެޗުން ބަލިވި މެކްސިކޯއެވެ.

ރޭގެ މި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ މެކްސިކޯއިންނެވެ. އެގޮތުން އާޖެންޓީނާގެ ފަހަތައް ބާރު ބޮޑުކޮށް ހަމަލާ އުފެއްދޭތޯ ގިނަ މަސައްކަތް ތަކެއް އެޓީމުން ކުރިއެވެ. ނަމަވެސް ނުރައްކާތެރި ހަމަލާއެއް އާޖެންޓީނާގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ.

މިމެޗުގައި އާޖެންތީނާއިން ކާމިޔާބު ކުރި ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ. އެގޮތުން މި މެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލު ބާރު ހަމަލާއަކުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެސީ ކާމިޔާބުކުރި ލަނޑެކެވެ. މެސީ ދިން ޕާހަކުން ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒްއެވެ.