English Edition
Dhivehi Edition

ގަތަރުގައި މިހާރު ކުރިޔަށް ދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗުން ވެސް ގަތަރު ބަލިވެއްޖެއެވެ. މިރޭ ސެނެގާލް އަތުން ގަތަރު ބަލިވިއިރު، މިއީ އެތީމުން މި މުބާރާތުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ.

މިރޭ ދޯހާގެ އަލް ތުމާމާ ސްޓޭޑިއަމުގައި ސެނެގާލް އާއި ދެކޮޅަށް ކުޅުނު މެޗުން ގަތަރު ބަލިވީ 1-3 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެފައިވަނީ ސެނެގާލުންނެނެވެ. އެގޮތުން ސެނެގާލުން ވަނީ ފުރަތަމަ ހާފުގައި ގަތަރުގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތައް ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ.

ސެނެގާލުން ފުރަތަމަ ލޏދު ޖަހާ ލީޑު ނެގީ މެޗުގެ 42 ވަނަ މިނެތުގައެވެ. ސެނެގާލަށް ލިޑު ނަގައިދިނީ ބުލާއޭ ޑިޔާ އެވެ. މިއީ ގަތަރުގެ ޑިފެންޑަރު ބޫލެމް ކޫކީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ޑިއާ ޖެހި ގޯލެކެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި ސެނެގާލުން ލީޑުުފުޅާކުރިއެވެ. މި ލަނޑަކީ ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ފަމާރާ ދިއޭދޫ ޖެހި ގޯލެކެވެ. ސެނެގާލުގެ މި ލަނޑަށް ފަހު ގަތަރުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. ގަތަރަށް އެކަން ކާމިޔާބުވެ އުންމީދު އާވީ މެޗުގެ 78 ވަނަ މިނިޓްގައި މުހައްމަދު މުންތާރީ ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރި މުންތާރީ މި ލަނޑު ޖެހީ ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅައެއް ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. ސެނެގާލުން އެޓީމުގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނިޓްގައި ލިމަން އެންޑިއާޔޭ އޭރިއާތެރެއަށް ދިން ބޯޅައަކުން ބަމްބާ ޑިއެންގް އެވެ.

މި މެޗުން ސެނެގާލް މޮލުވިއިރު، މިއީ އެޓީމު ކުޅުނު ދެމެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ. އަދި ގަތަރުން ވަނީ އެތީމު ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ. އެހެން ކަމުން އެޓީމަށް ދެވަނަ ބުރުގެ ފުރުސަތު މިހާރު ވަނީ ގާތްގަނޑަކަށް ގެއްލިފައެވެ.