English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕު ބީ ގެ ދެވަނަ މެޗުގައި މިއަދު ވޭލްސް ބަލިކޮށް އީރާން އިން މުބާރާތުގެ ދެވަނަ ބުރާއި ގާތަށް ޖެހިލައިފިއެވެ.

އަޙުމަދު ބިން އަލީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އީރާނުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.

މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެމުން އައި އީރާން ޓީމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި އިރާނުން ލަނޑެއް ވެސް ޖެހި އެވެ. މެޗުގެ 16 ވަނަ މިނިޓްގައި އިރާންގެ އަލީ ގޮލިޒާދޭ ޖެހި ލަނޑު ވަނީ އޮފްސައިޑު ކަމަށް ނިންމާފައެވެ. މި ލަނޑު އޮފްސައިޑުު ކަމަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ވެސް ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ އީރާން ޓީމުންނެވެ. އެ ގޮތުން އިރާންގެ އަޒްމޫން، ހުސްކޮށް އޭރިއާތެރެއަށް ހިފައިގެން ދިޔަ ބޯޅަ ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން، އޭރިއާ ބޭރުން ސައީދު އިޒަތުލާހީ ތިރިތިރިން ފޮނުވާލި ހަމަލާ ވެސް ކީޕަރު ހެނެސީ ވަނީ ހުއްޓުވައިފަ އެވެ.

ވޭލްސް އިން ގޯލެއް ޖަހަން ދެ ވަނަ ހާފުގައި ފޮނުވާލި ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނުނީ 83 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ބެން ޑޭވިސް ފޮނުވާލި ހަމަލާ، އިރާން ކީޕަރު އަލް ހޮސައިނީ ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން، އިރާން ޓީމުން މެޗުގެ 84 ވަނަ މިނެޓުގައި އުފެއްދި އެޓޭކެއް ހުއްޓުވަން ކުރިއަށް އަރައި، ވޭލްސްގެ ކީޕަރު ހެނެސީ ފައިން ބޯޅައިގައި ޖަހަން އުޅުމުގެ ތެރޭގައި ޖެހުނީ އިރާންގެ ފޯވާޑް މަހްދީ ތަރޭމީ މޫނުގަ އެވެ. ރެފްރީ ފުރަތަމަ ރީނދޫ ކާޑު ދެއްކި ނަމަވެސް ވީއޭއާރް ބެލުމަށް ފަހު ނިންމީ ރަތް ކާޑަކަށް ބަދަލުކުރާށެެވެ. މި އަށް ފަހު ވޭލްސްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔައިރު، ވޭލްސް ކޮޅަށް އިރާނުން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ނުވަ މިނިޓްގެ ތެރެއިން އަށް ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން އިރާންގެ މިޑްފީލްޑަރު ރޫޒްބޭ ޗެޝްމީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުުރު ކަނަށެވެ.

އީރާންގެ މި ލަނޑަށް ފަހު ވޭލްސް އިން ނަތީޖާ ހަމަހަމަކުރަން ކުރިއަށް ޖެހިލި ވަގުތު ކައުންޓަ އެޓޭކުގައި އިރާނުން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހި އެވެ. ތަރޭމީ އޭރިއާތެރެއަށް އެރި ރަމިން ރެޒިއާ އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ވަނީ ހަމަޖެހިލާފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި ނަތީޖާއާއެކު އީރާނުން ވަނީ ތިން ޕޮއިންޓާއެކު ގްރޫޕް ބީގެ ދެވަނަ މަގާމަށް ޖެހިލާފައެވެ. އެއްވަނާގައި އޮތީ ފުރަތަމަ މެޗުން އީރާނު ބަލިކުރި އިންގްލޭންޑެވެ. މެޗުން ބަލިވި ވޭލްސްއަށް ލިބެނީ އެންމެ ޕޮއިންޓެކެވެ. ތާވަލުގެ ފުލުގައި ވޭލްސް އޮތީ އެމެރިކާއާއި ކުޅުނު މެޗު އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކުއެވެ.