English Edition
Dhivehi Edition
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. އަދި މުޅި އަހަރަށް ބަލައިފިނަމަ ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. މީގެ އިތުރުން ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލް ޤަދްރިވިލޭރޭ ކަމުގައި މި އުންމަތަށް ކީރިތި ނަބިއްޔާ صلى الله عليه وسلم ބަޔާން ކޮށްދެއްވަވާފައިވެއެވެ.

ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު ބޮޑު ޖަމާޢަތަކަށް ޖަމާކުރާ ދުވަހަކަށް މި ދުވަސް ވާތީއެވެ. މި ޚާއްޞަ ޖަމާޢަތައް މުސްލިމު ޒުވާނުންނާ ކުޑަކުދިންނާ މުސްކުޅި ފިރިހެނުން ޚާއްޞަ ސަމާލުކަމެއް ބަހައްޓާއިރު، ޢާއިލީ ޖަމާޢަތްތައް މި ދުވަހުގެ ހުކުރު ނަމާދަށްފަހު އެއްކުރުމުގައި މުސްލިމު އަންހެންތަކުން މުހިންމު ދައުރެއް އަދާކުރެއެވެ. ހަފްތާގެ އެހެން ދުވަސްތަކާ ޚިލާފަށް ހުކުރު ދުވަހަކީ ގޯތި ގެދޮރަށް ޒިޔާރަތްކުރާ މެހެމާނުންނާއި ގާތްތިމާގެ މީހުންނަށް އުފާވެރި ހިނިތުންވުމަކާއެކު މަރުޙަބާ ކިޔުން ޢާއްމު ދުވަހެކެވެ.

މާތް ﷲ ޔަހޫދީންނަށް ޚާއްޞަ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް ލެއްވިއެވެ. ނަޞާރާއިންނަށް ޚާއްޞަ ދުވަހެއް ކަމުގައި އާދިއްތަ ދުވަސް ލެއްވިއެވެ. އަދި މުސްލިމުންނަށް ޚާއްޞަ ދުވަހެއް ކަމުގައި ހުކުރު ދުވަސް ޚިޔާރުކުރައްވައި މިއުންމަތަށް ޚާއްޞަ ދުވަހެއްކަމުގައި ހުކުރު ދުވަސް ލެއްވިއެވެ. އެހެނަސް އިސްލާމްދީން ބާވައިލެއްވުނީ ޔަހޫދީ ދީނާއި ނަޞާރާ ދީނަށް ފަހުގައި ކަމަށްވުމާއިވެސް އެކުގައި މުސްލިމުންނަށް ޚާއްޞަ ދުވަހަކީ ހޯމަ ދުވަސް ކަމުގައި ނުލައްވަވައި ހުކުރު ދުވަސް ކީރިތި ﷲ އިޚްތިޔާރު ކުރެއްވުމުގައި ނުހަނު ގިނަގުނަ ޙިކުމަތްތަކެއް ވާނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. އެގޮތުން ނަޞާރާއިންނާއި ޔަހޫދީންގެ މައްޗަށް އިސްލާމްދީން އިސް ކުރައްވަވާފައިވާކަން ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީސް ބަސްފުޅުން ސާބިތުވެއެވެ.

އެހެންކަމުން ހުކުރު ދުވަހަކީ ކޮންމެ ހަފްތާއަކު އެއްފަހަރު މުސްލިމުންނާ ބައްދަލުކުރާ ޢީދެކެވެ. މިއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މޮޅު އަދި އެންމެ މާތް ދުވަސްކަމުގައި މާތް ﷲ ލައްވަވާފައިވަނީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރާ މި އުންމަތުގެ މުސްލިމުންނަށްޓަކައެވެ. އެހެންކަމުން ހަފްތާގެ ދުވަސްތަކުން އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަސް ކަމުގައި ބަޔާން ކުރައްވައި މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވަނީ

“އެދުވަހަކަށް އިރުއަރައިގެން އަންނަ އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ޚަލްޤުކުރެވުނީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއަށް ވެއްދުނީވެސް އެދުވަހުގައެވެ. އަދި ސުވަރުގެއިން ނެރެލެވުނީވެސް އެދުވަހުގައެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ޤާއިމު ނުވާހުށްޓެވެ.”‏