English Edition
Dhivehi Edition

ފީފާ ވޯލްޑް 2022 ގެ ގްރޫޕް ސްޓޭޖުގައި ރޭ ސާބިއާއާއި ދެކޮޅަށް ކުޅުނު މެޗު ބްރެޒިލް ކާމިޔާބު ކޮށްފިއެވެ.

ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ބްރެޒިލް މޮޅުވީ ސާބިއާއާއި ވާދަކޮށް 0-2 އިންނެވެ.

ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެ އޮވެގެންނެވެ. ފުރަތަމަ ހާފުގައި ގޯލް ޖަހަން ރަނގަޅު ފުރުސަތުތަކެއް ބްރެޒިލް އަށް ލިބުނުއިރު، ވިނީޝިއުސް ޖޫނިއަރ ފޮނުވާލި ހަމަލާއެއް ގޯލާއި އަމާޒު ނުވެ ދިޔައިރު، އޭރިއާ ބޭރުން ތިއާގޯ ސިލްވާ ފޮނުވާލި ހަމަލާއެއް ވެސް ދިޔައީ ގޯލާއި އަމާޒުނުވެއެވެ. މީގެ އިތުރުން އަލެކްސް ސަންޑްރޯ ފޮނުވާލި ބާރު ހަމަލާއެއް ސާބިއާ ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒު ވިއެވެ.

ބްރެޒިލުން މި މެޗުގައި ލީޑު ނެގީ ފަހު ހާފަށް ކުޅެން ނިކުމެ، މެޗުގެ 62 ވަނަ މިނެޓުގައެވެ. މި ލަނޑު ބްރެޒިލަށް ޖަހައިދިނީ ރިޗާލިސަންއެވެ. އޭނާ މި ލަނޑު ޖެހި ވިނީޝިއޫސް ފޮނުވާލި ހަމަލާއެއް ސާބިއާ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މި މެޗުގެ ދެވަނަ ލަނޑުވެސް ބްރެޒިލް އަށް ޖަހައިދިނި ރިޗާލިސަންއެވެ. އޭނާ މި ލަނޑު ޖެހީ ވިނީޝިއޫސް ދިން ބޯޅަ އަކުންނެވެ.

ރޭގެ މޮޅާއި އެކު ބްރެޒިލް އަށް ތިން ޕޮއިންޓް ލިބުނު އިރު، މި ގުރޫޕު ފުރަތަމަ މެޗުން މޮޅުވި ސްވިޒަލެންޑަށް ވެސް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. ނަމަވެސް ފައިދާ ގޯލުން ކުރީގައި އޮތީ ބްރެޒިލް އެވެ.