English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕް އެފްގެ ދެވަނަ މެޗުގައި ކެނެޑާއާއި ދެކޮޅަށް ކުޅުނު މެޗު ބެލްޖިއަމް އިން ކާމިޔާބު ކޮށްފިއެވެ.

ގަތަރުގެ އަހްމަދް ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލްޖިއަމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއިންނެވެ.

މި މެޗު ފެށިގެން ވެސް ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދީ ކެނެޑާއިންނެވެ. ނަމަވެސް ފުރުސަތުގެ ބޭނުންހިފާ ނަތީޖާ ނެރެވޭ ގޮތެއް ނުވިއެވެ. މި މެޗުގެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެނަޑާގެ އަލްފަންސޯ ޑޭވިސްއަށެވެ. ބެލްޖިއަމްގެ އޭރިއާ ތެރެއިން ޔަނިކް ކްރަކާއޯ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ޖެހީ ޑޭވިސްއެވެ. ނަމަވެސް ޑޭވިސް ފޮނުވާލި ޕެނަލްޓީ, ބެލްޖިއަމްގެ ކީޕަރު ތިބައޫ ކޯޓުއާ ވަނީ މަތަކޮށްފައެވެ.

އެއަށް ފަހު ފަހުވެސް ރަނގަޅަށް ކުޅެފައިވަނީ ކެނެޑާއިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ވަގުތު ގާތްވެފައި ވަނިކޮށް 44 ވަނަ މިނެޓުގައި މިޗީ ބަޓްޝުއާއީ ކާމިޔާބު ކޮށްދިން ލަނޑުން ބެލްޖިއަމް އިން މެޗުގެ ލީޑު ނެގިއެވެ.

ބެލްޖިއަމުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގައިވެސް މޮޅަށް ކުޅެފައިވަނީ ކެނެޑާއިންނެވެ. ނަމަވެސް ލިބޭ ކައުންޓަރ އެޓޭކުތަކުގައި ބެލްޖިއަމުން ދިޔައީ ކެނެޑާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މި ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ބެލްޖިއަމަށެވެ. ނަމަވެސް ބަޓްޝުއާއީ އަށް ލިބުނު މި ފުރުސަތުގެ ބޭނުން ނުހިފުނެވެ. ބަޓްޝޫއާއާއިގެ މި ފުރުސަތު ބޭކާރު ކޮށްލީ ކެނެޑާގެ ޑިފެންޑަރުންނެވެ.

ރޭގެ މި ނަތީޖާއާއި އެކު ބެލްޖިއަމަށް ވަނީ ގުރޫޕް އެފްގެ އެއްވަނަ ލިބިފައެވެ. ދެވަނާގައި އެއް ޕޮއިންޓު ހޯދައިގެން އޮތީ ކްރޮއެޝިއާއެވެ. ތިން ވަނާގައި އޮތީ އެއް ޕޮއިންޓާއި އެކު އޮތް މޮރޮކޯއެވެ. ޕޮއިންޓެއް ނުލިބި އެންމެ ފުލުގައި އޮތީ ރޭ ބެލްޖިއަމް އަތުން ބަލިވި ކެނެޑާއެވެ.