English Edition
Dhivehi Edition

ކަނެކްޓް ވިތް މޯލްޑިވްސް’ ގެ ނަމުގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އިން އީސްޓަން ޔޫރަޕްގެ މާކެޓަށް އަމާޒުކޮށް ވެބިނާ ސިލްސިލާއެއް ބާއްވައިފި އެވެ.

މި ވެބިނާ ސީރީސްގެ މައިގަނޑު މަގްސަދަކީ އީސްޓަން ޔޫރަޕްގެ ޓްރެވެލް ޓްރޭޑް ތަމްރީންކޮށް ދިވެހިރާއްޖޭގެ ތަޖުރިބާތަކާއި ޕްރޮޑަކްޓްތައް އިސްތިހާރުކުރުމެވެ.

ޗެކް ރިޕަބްލިކް، ސްލޮވާކިއާ، ހަންގޭރީ އަދި ޕޮލެންޑްގެ ޓްރެވެލް ޓްރޭޑަށް ވެބިނާ ބޭއްވީ 22 ނޮވެމްބަރު ގައެވެ. ރޮމޭނިއާ އަދި ބަލްގޭރިއާގެ ޓްރެވެލް ޓްރޭޑަށް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޑިސެމްބަރު ގަ އެވެ.

މި ވެބިނާ ސީރީސްގެ ބޭނުމަކީ އީސްޓަން ޔޫރަޕްގެ ޓްރެވެލް ޓްރޭޑަށް ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ދަތުރުފަތުރުކުރުމަށް އަޅާފައިވާ ގައިޑްލައިންތަކަށް ތަމްރީން ކުރުމެވެ. މި ވެބިނާތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިންޑަސްޓްރީ ޕާޓްނަރުންނަށް އެ ފަރާތުންގެ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.

މި ސިލްސިލާ އަކީ އީސްޓަން ޔޫރަޕްގައި މި އަހަރު ބާއްވާ ފުރަތަމަ ވެބިނާ ސީރީސް އެވެ. މި ފުރަތަމަ ސެޝަންގައި 2 އިންޑަސްޓްރީ ޕާޓްނަރުންނާއި އީސްޓަން ޔޫރަޕްގެ 70 އަށް ވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުން ބައިވެރިވި އެވެ.

ފުރަތަމަ ވެބިނާ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުޙައްމަދުގެ ވާހަކަފުޅުގައި ރާއްޖެ އާއި އީސްޓަން ޔޫރަޕާއި ދެމެދު އޮންނަ ދުވަސްވީ ގުޅުމުގެ މުހިންމުކަމުގެ މައްޗަށާއި، ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއިން ހާސިލުކޮށްފައިވާ އެވޯޑްތަކާއި ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ފަންސާސް އަހަރު ފުރޭ އުފާވެރި ރަން ޔޫބީލް ފާހަގަކުރުމުގައި ފަތުރުވެރިން ބައިވެރިވުމަށް ރާއްޖެއަށް ދަތުރުކުރުމަށް ދައުވަތު ދެއްވި އެވެ.

މި ވެބިނާގައި އެމެއެމްޕީއާރްސީ އިން ރާއްޖޭގަ ދަތުރުފަތުރުކުރުމަށް އަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ހިއްސާކުރި އެވެ. އަދި ރާއްޖެއާ ބެހޭ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ހަތަރު ޕްރޮޑަކްޓް ކަމުގައިވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް އަދި ހޮޓެލްތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން ރާއްޖޭގައި ފަތުރުވެރިންނަށް ކުރެވެން ހުންނަ ތަޖުރިބާތައް ހިމެނޭ ޑެސްޓިނޭޝަން ޕްރެސެނެްޓޭޝަނެއް މި ވެބިނާގައި ވަނީ ދައްކާފަ އެވެ.

މި ވެބިނާގައި ޕްރޮމޯޓްކުރި ތަޖުރިބާތަކުގެ ތެރޭގައި ބަބުލް ޓެންޓް، ޕްރައިވެޓް ވޯޓާ ވިލާ އަދި ސީޕްލޭނެއްގައި ދަތުރުކުރުން ފަދަ ތަޖުރިބާތައް ހިމެނެ އެވެ.

މި ފުރަތަމަ ވެބިނާގައި އިންޑަސްޓްރީގެ ދެ ޕާޓްނަރުން ވަނީ އެ ފަރާތްތަކުގެ ޕްރޮޕަޓީތަކުން ދޭ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދީފައެވެ. މި ވެބިނާ އަކީ ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނަށް ބޮޑު އޯޑިއެންސްއަކަށް ފަރާތްތަކުގެ ޕްރޮޕަޓީތައް އިޝްތިހާރުކޮށް، އީސްޓަން ޔޫރަޕްގެ ޓްރެވެލް ޓްރޭޑާ ގުޅުން ބަދަހިކުރުމަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެކެވެ.

މި ވެބިނާގައި ރާއްޖެއާ ބެހޭ ސުވާލާއި ޖަވާބު ސެޝަނެއް ވެސް ކުރިއަށްދިޔަ އެވެ. އަދި ވެބިނާ ނިންމާލުމުގެ ކުރިން ރާއްޖެ އަށް ހިލޭ ޗުއްޓީއެއް، ވެބިނާގައި ބައިވެރިވި އެއް ބައިވެރިޔަކަށް ހަދިޔާކުރުމުގެ ގޮތުން ރެފްލް އެއް ކުރިއަށްގެންދިޔައެވެ. މި ރެފްލް ސްޕޮންސާކޮށްފައިވަނީ ރިއު ޕެލެސް މޯލްޑިވްސް އިން ނެވެ.

މި އަހަރު ދިވެހިރާއްޖެއަށް އެންމެ ބޮޑު ސޯސް މާކެޓްތަކުގެ ތެރޭގައި އީސްޓަން ޔޫރަޕްގެ މާކެޓްތައް ހިމެނެއެވެ. 2022 ސެޕްޓެމްބަރު ނިޔަލަށް 60,115 ފަތުރުވެރިން ދިވެހިރާއްޖެއަށް އީސްޓަން ޔޫރަޕްއިން ޒިޔާރަތްކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ އިން ދަނީ އީސްޓަން ޔޫރަޕްގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތެއް ކުރަމުން ނެވެ.

މީގެ ތެރޭގައި އެއާލައިން ތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް ކެމްޕެއިންތައް ހިމެނެެއެވެ. ދިވެހިރާއްޖެއަށް މި އަހަރު 1.3 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.