English Edition
Dhivehi Edition

ގަރލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، “ޕްރެޒިޑެންޓްސް ބެޖް” ފާތިމަތު ޔުމްނާ އާތިފް ހާސިލްކޮށްފިއެވެ.

އިއްޔެ މެންދުރު ރައީސް އޮފީހުގެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.

ޕްރެޒިޑެންޓްސް ބެޖް” ޙާސިލްކުރިޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސް ވަނީ، މަރުޙަބާ ވިދާޅުވެ ބެޖް ޙާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި ގަރލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، “ޕްރެޒިޑެންޓްސް ބެޖް” ތަޢާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގަރލްގައިޑަކު، މިބެޖް ހާޞިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، ޔުމްނާ ތަޢުލީމް ހާސިލްކުރި ބ އަތޮޅު ތަޢުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައި މިދިނީ ފަޚުރުވެރި ޝަރަފެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގަރލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، “ޕްރެޒިޑެންޓްސް ބެޖް” ހާސިލްކުރި ފާޠިމަތު ޔުމްނާ ޢާތިފް ވަނީ، އެބެޖްގެ އިތުރުން ގަރލްގައިޑު ހަރަކާތުގެ 31 ބެޖެއް ޙާސިލްކޮށްފައެވެ.