English Edition
Dhivehi Edition

”ދީދާރު“ އާއި ”އަލީބާބާ އޮރު 40 ޗޯރު“ ފަދަ ފިލްމުތަކުން ބެލުންތެރިންގެ ލޯބި ހޯދި ވެޓަރަން އެކްޓްރެސް ތަބައްސުމް މަރުވެއްޖެއެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ތަބައްސުމް މަރުވެފައިވަނީ ކާޑިއެކް އެރެސްޓުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ތަބައްސުމްގެ އާއިލާއިން ބުނީ މިއީ މުޅި އެ އާއިލާއަށްވެސް ކުއްލި ސިހުމެއް ގެނުވި ކަމެއްކަމަށެވެ. އަދި ތަބައްސުމް އަށް ކާޑިއެކް އެރެސްޓެއް ޖެހުމުގެ ކުރިންވެސް އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާކަމަށާއި އޭނާގެ ހާލު ރަގަޅުކަމަށެވެ.

ތަބައްސުމްގެ ދަރިފުޅު ހޮޝާން ގޮވިލް ބުނީ ނިމިގެން ދިޔަ ހަފްތާގައިވެސް ތަބައްސުމް އާއި އެކު އެއްޗެއް ޝޫޓްކޮށްފައިވާކަމަށާއި މި ހަފްތާގައިވެސް ޝޫޓިންތައް ޝެޑިއުލްކޮށްފައިވާކަމަށެވެ. ތަބައްސުމްގެ ކުއްލި ވަކިވުމަކީ ވަރަށް ބޮޑު ހިތާމައެއް މުޅި އާއިލާއަށް ލިބުނުކަމެއްކަމަށް ހޮޝާން ވަނީ ބުނެފައެވެ.

ތަބައްސުމްގެ ޖަނާޒާގެ ކަންތައްތައް ބޭއްވުން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. ތަބައްސުމް މަރުވުމާއި ގުޅިގެން ގިނަ ތަރިންތަކެއް އަންނަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާ އެ ހިތާމައިގައި ބައިވެރިވާ ކަން ހާމަކުރަމުންނެވެ.

1947 ވަނަ އަހަރު ކުޑަކުއްޖެއްގެ ރޯލުން ފިލްމީ ދާއިރާއަށް ތައާރަފްވި ތަބައްސުމް ވަނީ ގިނަ ޓީވީ ޝޯތަކެއް ހުށަހަޅާފައެވެ.