English Edition
Dhivehi Edition

ދުނިޔޭގެ މޮޅުކުޅުންތެރިޔާގެ އެވޯޑް ހަތް ފަހަރު ހޯދާފައިވާ، ލިއޮނަލް މެސީ ހިމެނޭ އާޖެންޓީނާއަކީ އިތުރު ތަޢާރަފަކަށް ބޭނުންވާނެ ޓީމެއް ނޫނެވެ. މެސީގެ އިތުރުން ހުނަރުވެރި ގިނަ ކުޅުންތެރިންނާއިއެކު މިފަހަރުގެ ވޯލްޑްކަޕަށް އެޤައުމު ނުކުންނަނީ ތިންވަނަ ފަހަރަށް ދުނިޔޭގޭ ޗެމްޕިއަންކަން ހޯދުމުގެ އަޒުމުގައެވެ. މީގެ ކުރިން 1978 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތާއި 1986 ވަނަ އަހަރު ދުނިޔޭގެ އެންމެ ޝަރަފްވެރި ކުޅިވަރު މުބާރާތް ކާމިޔާބުކޮށްފައިވާ އާޖެންޓީނާވަނީ 1930 އަދި 1990 އަދި 2014 ވަނަ އަހަރު ފައިނަލްގައި ވާދަކޮށް ބަލިވެފައެވެ. އެންމެ ފަހުން 2018 ވަނަ އހަރުގެ މުބާރާތުން އާޖެންޓީނާ ކެޓީ ދެވަނަ ބުރުންނެވެ. މިފަހަރުގެ މުބާރާތާއި އެޤައުމު ކުރިމަތިލަނީ ކާމިޔާބީ ހޯދޭނެފަދަ ރަންޖީލަކާއި އެކުއެވެ.

މެސީގެ ޖާދުލާއިއެކު މިފަހަރުގެ ވޯލްޑްކަޕް ކާމިޔާބު ކުރާނެ ލިސްޓުގައި ގިނަބަޔަކު އާޖެންޓީނާ ހިމަނާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އާޖެންޓީނާއަކީ ފުޓްބޯޅައިގެ ވަރުގަދަ ޝަޙްސިއްޔަތެއްގެ އިތުރުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިޔާ މަޝްހޫރު މަރަޑޯނާވެސް ނިސްބަތްވާ ޤައުމެވެ. މިފަހަރުގެ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކުރެވިދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރަނީ ޓީމުގެ ސޮކޮޑް ކުރިއަށްވުރެ ވަރުގަދަވުމެވެ. ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި އެޤައުމުގެ ކުޅުންތެރިން މުހިއްމު ދައުރެއް އަދާކުރަމުންގެންދާއިރު ފަހަކަށް އައިސް އެޓީމު ނެރެފައިވާ ނަތީޖާތަކަކީވެސް މިކަމުގެ ހެއްކެކެވެ. މިފަހަރުގެ މުބާރާތަށް އާޖެންޓީނާ ކޮލިފައިވީ ކުޅުން 17 މެޗުން 39 ޕޮއިންޓް ހޯދައި ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

މެސީގެ އިތުރުން އިޓަލީގެ އިންޓަމިލާނަށް ކުޅޭ ލަޓޫރޯ މާޓިނޭޒް އާއި، ޔުވެންޓަސް އަށް ކުޅޭ ޑިމާރިއާ އާއި، ޓޮޓެންހަމަށް ކުޅެމުން އަންނަ ކްރިސްޓިއަން ރޮމޭރޯ އާއި އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އަނަން ރޮޑްރިގޯ ޑިޕޯލްއަކީވެސް ވޯލްޑްކަޕްގައި އެޤައުމު ތަމްސީލު ކުރާނެ މުހިއްމު ކުޅުންތެރިންނެވެ. އެހެންކަމުން މި ކުޅުންތެރިން ހުއްޓުވައި އާޖެންޓީނާގެ މައްޗަށް ކުރި ހޯދުމަކީ މި ގްރޫޕްގައި ދެން ހިމެނޭ، ސައޫދީ އަރަބިއާ، މެކްސިކޯ އަދި ޕޯލަންޑަށް ނުވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

އާޖެންޓީނާ ޓީމުގެ ކޯޗަކީ މީގެކުރިން އިގެރޭސިވިލާތުގެ ވެސްޓްހަމް ޔުނައިޓެޑް އަދި އިޓަލީގެ ލާޒިއޯ އާއި އެޓަލާންޓާ އަށް ކުޅެފައިވާ އާޖެންޓީނާއަށް އުފަން ޢުމުރުން 44 އަހަރުގެ ލިއޮނެލް ސްކަލޯނީއެވެ. ސްކޮލާނީ އާޖެންޓީނާ ޓީމާއި ހަވާލުވީ 2018 ވަނަ އަހަރުގައެވެ.

ގުރޫޕު ސްޓޭޖުގައި އާޖެންޓީނާ ކުޅެން ހަމަޖެހިފައިވާ މެޗުތައް

22 ނޮވެމްބަރ 2022 | އާޖެންޓީނާ – ސައުދީ އަރަބިއާ | 15:00

27 ނޮވެމްބަރ 2022 | އާޖެންޓީނާ – މެކްސިކޯ | 00:00

1 ޑިސެމްބަރ 2022 | ޕޮލެންޑް – އާޖެންޓީނާ | 00:00