English Edition
Dhivehi Edition

އައްޑޫސިޓީގެ ގިނަ ރައްޔިތުން ތަރަށްގީ އަށް އެދެމުންދާއިރު އެ އުންމީދު ހަގީގަތަކަށް ހައްދަވައި ދެއްވާނީ ރައީސް ޔާމީނުގެ ޒައާމަތުގައި ކަމަށާއި .އައްޑޫ ސިޓީގެ ތަރައްގީ ގުޅިފައިވަނީ ޕީޕީއެމް އާ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫސިޓީ ހުޅުމީދޫ އަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވީ ގެ ކުރިން ވެސް އައްޑޫއަށް އައި ބޮޑެތި ތަރައްގީތައް އައިސްފައިވަނީ އެމަނިކުފާނުގެ ޒައާމަތުގައިކަން އެ ސިޓީގެ ގިނަ މީހުން ގަބޫލު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީނު އައްޑޫސިޓީއަށް ކުރައްވަވާ 4 ދުވަހުގެ ދަތުރުފުޅުގައި ވަނީ އެކި އަވަށް ތަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވަވާ އައްޑޫގެ ތަރައްގީއަށް މި ސަރުކާރުން މަސައްކަތް ނުކުރައްވަވާ ކަމަށް ވިދާޅުވެ ވަރަށް ބޮނޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ދެއްކެވި ރަައީސް ޔާމީން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން ކަމަށާއި އެކަމަކު ވެރިކަމުގެ ދައުރު ނިމެން ކައިރިވީ އިރުވެސް އެ މަޝްރޫނު ނުނިމި، ވާރޭ ވެހޭ ދުވަހެއް ނަމަ، ގިނަ މަގުތަކުގައި ފެން ބޮޑުވެ ޗަކަ ހެދި، ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ދަތި މައްސަލަތައް ބޮޑު ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އައްޑޫގެ ސިއްހީ ދާއިރާ ބޮއްސުން ލާފައިވާ ކަމަށާއި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ބިނާކުރި އައްޑޫ ކޮންވެންޝަން ސެންޓަރު ބޭނުންނުހިފައި ހުރެ ބާވެ ފަނާވާން ފަށާފައިވަނިކޮށް އެތަން ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރައްވައި ތަނުގެ ޚިދުމަތްތައް ޤާއިމުކުރައްވައި އެ ތަން ތަރައްޤީކުރީ އެމަނިކުފާނުން ގެ ސަރުކާރުން ކަމަށް ވިދާޅުވެ އެތަނުގެ ބޭނުން ހިފަން ނޭނގިގެން އުޅެނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

އައްޑޫގެ ތަރައްޤީ ފެށެނީ ދެ ދިމާލަކުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އައްޑޫގެ މުހިއްމު ރިސޯޓުތައް ބަންދުކުރެވި އެކަމަށް އުންމީދު ނުލިބި އޮތުމަކީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ހެރެތެރެއާއި ޝަންގްރިއްލާ ފަދަ ރިސޯޓުތައް ހުޅުވުމަށް ހަތަރު އަހަރުގެ މުއްދަތަކީ ކުޑަ މުއްދަތެއް ނޫންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެކަން މި ސަރުކާރަށް އެ މުއްދަތުގައި ނުކުރެވުމަކީ ޤަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

އައްޑޫގައި އިންޑިއާއިން އަޅާފައިވާ ޕޮލިސް އެކަޑެމީގެ ބޭނުމަކީ އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ޤާއިމުވެގެން ތިބެވޭނެ ގޮތްތަކެއް ފަހިކުރުން ކަމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހިން އެދޭ ގޮތް ނޫންކަމަށް ބުނެ އެކަމުގައި އައްޑޫ ސިޓީން މިސާލުދައްކައިފިނަމަ އެކަމުން މުޅި ރާއްޖެއަށްވެސް ހިތްވަރު ލިބިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އައްޑޫސިޓީ އަށް ރައީސް ޔާމީން ކުރައްވަވާ މި ދަތުރުފުޅުގައި އައްޑޫގެ ގިނަ ޒުވާނުން ތަކެއް ޕީޕީއެމާއި ގުޅެމުން އަންނަ ކަމަށް އެ ޕާޓީން ބުނެއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅައި އެމަނިކުފާނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރިފަހުން ރައީސް ޔާމީން ގެންދަވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ދަތުރުކުރައްވައި ކެމްޕޭން ކުރައްވަމުންނެވެ.