English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ފްރާންސްގެ ގަދަބާރު ޕީއެސްޖީ އާއި ޖަރުމަނުގެ ބަޔާން މިޔުނިކް ބައްދަލުކުރަން ޖެހިއްޖެއެވެ.

ބަޔާން އާއި ޕީއެސްޖީ ވެސް މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. އެހެން ކަމުން މި ދެ ކްލަބުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ދެޓީމަކީ ވެސް ތަރިން ގިނަ، އެޓޭކް ލައިން ވަރަށް ވަރުގަދަ ދެ ޓީމެވެ.

ފާއިތުވި ސީޒަންތަކުގައި މި ދެ ކްލަބްގެ ވާދަކުރުންތަކަށް ބަލާއިރު، 2020-21 ސީޒަންގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ބަޔާން ކެޓީ ޕީއެސްޖީއަށް އަވޭ ގޯލުން ކުރި ލިބިގެންނެވެ. އޭގެ ކުރިން ސީޒަންގެ ތަށި ބަޔާން އިން ހޯދީ ފައިނަލްގައި ޕީއެސްޖީ 1-0 ގެ ނަތީޖާއިން ބަލިކޮށްފައެވެ. އެ ފަހަރު ނޫނީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގެ ފައިނަލާ ހަމައަށް ވެސް އަދި ދަތުރު ކުރެވިފައެއް ނުވެއެވެ. ބޮޑު ޚަރަދު ކޮށްގެން އެކަށީގެންވާ ކާމިޔާބީއެއް ޗެމްޕިއަންސް ލީގުގައި ނުނެރެވޭތީ ފާޑުކިޔުން އަމާޒުވެފައިވާއިރު، ޕީއެސްޖީއަށް ކުރިޔަށް ދިއުމަށް ދެން މިއޮތީ ވެސް ވަރަށް ވަރުގަދަ ޗެލެންޖަކަށް ވާނެއެވެ.

ދެން އެންމެ ވަރުގަދަ ކުރިމަތި ލުމަކަށް ވެގެންދާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑާއި ލިވަޕޫލް ގެ ކުރިމަތިވުމެވެ.

ރެއާލް އަދި ލިވަޕޫލަށް ބަލާއިރު، މި ދެ ކްލަބް ފާއިތު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ވާދަކުރިއެވެ. އަދި މީގެ އިތުރުން 18-2017 ގެ ސީޒަންގައި ރެއާލް އިން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލީ ވެސް ފައިނަލްގައި ލިވަޕޫލް ބަލިކޮށްފައެވެ. ހަމައެހެންމެ 21-2021 ގެ ސީޒަންގައި ކުއާޓާ ފައިނަލުގައިވެސް މި ދެޓީމު ވަނީ ވާދަކޮށްފައެވެ.

ގަދަ 16 ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ޖަރުމަނުގެ އާރްބީ ލައިޕްޒިގު ކުޅޭނީ މެންޗެސްޓާ ސިޓީއާ އެވެ. މުޅިން އަލަށް ނޮކައުޓް ބުރުގައި ކުޅޭ ބެލްޖިއަމްގެ ކްލަބް ބްރޫޖުން ދެ ވަނަ ބުރުގައި ކުޅޭނީ ޕޯޗުގަލްގެ ބެންފީކާއާ އެވެ. އޭސީ މިލާނުން ދެ ވަނަ ބުރުގައި ކުޅޭނީ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ.

ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ދެ ވަނަ ބުރުގައި ކުޅޭނީ އިޓަލީގެ ނަޕޯލީއާ އެވެ. އިންޓަ މިލާނުން ވާދަކުރާނީ ޕޯޓޯއާ އެވެ. ޗެލްސީން ނޮކައުޓް ބުރުގެ ފުރަތަމަ މެޗުގައި ކުޅޭނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް އޮތީ އަންނަ ފެބްރުއަރީ މަހުގެ 14،15 އާއި 21،22ގަ އެވެ. ދެ ވަަނަ ލެގުގެ މެޗުތައް އޮންނާނީ މާޗް މަހުގެ 7،8 އާއި 14،15 ގަ އެވެ.