English Edition
Dhivehi Edition

އަދުގެ ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ބޮޑެތި ވައުދުތަކެއްވީ ނަމަވެސް އޭގެން އެންމެ ވައުދެއް ވެސް ފުއްދައިދީފައި ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އައްޑޫސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޭދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި “ފޭދޫ ވެސް ޕީޕީއެމް” ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ފުރުސަތު ލިބުނު ނަމަވެސް އެކަން ވެސް ކުރިއަށް ނުގެންދެވުނުކަމަށެވެ. މީގެ އިތުރުން ވަސީލަތްތަކާއިއެކު ބޮޑު ހޮސްޕިޓަލެއް ހިންގަން ފުރުސަތު ލިބުނުއިރު އެކަންވެސް ނުކުރެވުނުކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމް ވެރިކަމެއްގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި އައްޑޫސިޓީގައި 5000 ވަޒީފާގެ ފުރުސަތު އުފައްދަވާނެ ކަމަށާއި އައްޑޫސިޓީގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވާނީ އެ ސިޓީގައި ފައްޓަވާނެ އިޤްތިސާދީ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ވެރިކަމަށް އާދެވިއްޖެ ނަމަ ފުރަތަމަ ކަމަކަށް އޮންނާނީ އަދުގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް އަދާކުރުމާއި، އިންޑިއާއިން ނަގާފައިވާ ލޯނުތައް ދެއްކުންކަމަށެވެ. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދޭނީ ޒުވާނުންގެ ހާލަތު ރަނގަޅުކުރުމަށް ކަމަށާއި ޒުވާނުންނަށް އާމްދަނީ ހޯދޭނެ ގޮތެއް ހޯދުންކަމަށެވެ. އަދި މިހާރު އެކަމުގެ މަސައްކަތްތައް ވެސް ކުރިއަށް ދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ އަދާކުރަންޖެހޭ ދަރަނިތައް އަދާކޮށް ނިންމުމަށްފަހު ވެސް ފުރަތަމަ ތިން އަހަރުދުވަހުގެ ތެރޭގައި އުނދަގުލަކާ ނުލައި 5000 ވަޒީފާގެ ފުރުސަތު އައްޑޫސިޓީއަށް ފަހިކޮށްދެވޭނޭ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އައްޑޫސިޓީގެ ރައްޔިތުންނަށް ވީ ވައުދު ނުފުއްދާކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، 2018 ވަނަ އަހަރު އައްޑޫސިޓީއަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ހައިސިއްޔަތުން އެމަނިކުފާން އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަނީ ބޮޑެތި ވައުދުތަކެއް ވެފައެވެ.