English Edition
Dhivehi Edition

ދުނިޔޭގެ 120 އަށްވުރެ ގިނަ ލީޑަރުންނާ އެކު އ.ދގެ 2022 ވަނަ އަހަރުގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް، “ކޮޕް-27” ސަމިޓް މިސްރުގައި ފަށައިފިއެވެ.
މިމަހުގެ 6 އިން 18 މިޞްރުގެ ޝަރްމުއްޝައިޚުގެ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދާ މި ސަމިޓްގައި ހިމެނެނީ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް 27) ގެ 27 ވަނަ ސެޝަނާއި، ކިޔޯޓޯ ޕްރޮޓޮކޯލް (ސީއެމްޕީ 17) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 17 ވަނަ ސެޝަނާއި، ޕެރިސް އެގްރީމެންޓް (ސީއެމްއޭ 4) ގެ ބައިވެރިންގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ހަތަރު ވަނަ ސެޝަނެވެ.

ސަމިޓް ހުޅުވުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި އދ.ގެ ކްލައިމެޓް ޗޭންޖްގެ އައު ޗީފް، ސައިމަން ސްޓިއެލްއާއި މިސްރުގެ ޚާރިޖީ ވަޒީރު އަދި ކޮޕް-27ގެ ރައީސް ކަމަށް ކަނޑައެޅުއްވި ސަމެހް ޝައުކްރީގެ ތަޤުރީރުކުރެއްވިއެވެ. ސަމިޓްގެ ސެޝަންތައް ރަސްމީކޮށް ފަށާނީ ހޯމަދުވަހުއެވެ. އެގޮތުން ހޯމަ ދުވަހު ބާއްވާ “ވޯލްޑް ލީޑަރސް ސަމިޓް”ގައި ޤައުމުތަކުގެ ވެރިންނާއި، ޤައުމުތައް ތަމްޞީލުކުރައްވާ މަންދޫބުންނަށް، މިސަމިޓުން ހާސިލުކުރަން ބޭނުންވާ ކަންކަން ބަޔާންކޮށް ތަޤުރީރުކުރެއްވުމަށް 5 މިނެޓުގެ ފުރުޞަތު ދެވޭނެއެވެ.

މިފަހަރުގެ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފްދުގައި އިސްކޮށް ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ. ކޮޕް-27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ހިއްސާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ. މިކޮންފަރެންސްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހޯމަ ދުވަހު ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވެއެ

މިއަހަރުގެ ކޮޕް ސަމިޓްގައި ރާއްޖެއިން އެންމެބޮޑަށް ވަކާލާތުކުރާނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރަންޖެހޭ ޚަރަދުތައް ހޯދުމަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއިމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ. އަދި މިފަހަރުގެ ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި އެގެއްލުންތަކުން އަރައިގަތުމަށް ބަދަލުހޯދުމާއި ގުޅޭގޮތުން ކުދި ޖަޒީރާ ޤައުމުތަކުން ވަރަށް ބޮޑަށް ވަކާލާތު ކުރާނެ ސަމިޓްވެގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.