English Edition
Dhivehi Edition
ފޮޓޯ: 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ފައިނަލް މެޗަށް އާޖެންތީނާ އަދި އުރުގުއޭ ނިކުންނަކީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއް އެންމެ ފުރަތަމަ ބޭއްވުނީ 1930 ވަނަ އަހަރު އުރުގުއޭގައެވެ. މިއީ ދުނިޔޭގެ ތައްޓަށް ކުޅެވޭ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ފެށުމެވެ.

ދުނިޔޭގެ ފުޓްބޯޅަ ކުރިއެރުވުމުގެ ޚިޔާލުއައިސް އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ބޭއްވުމުގެ ޚިޔާލު ދިނީ އެންމެ ފުރަތަމަ ފީފާ އުފެދި އެ އިދާރާގެ ރައީސަކަށް ހުރި ފްރާންސަށް އުފަން ޖޫލްސް ރިމެޓްއެވެ. މި ޚިޔާލަށް ގިނަ ބައެއްގެ ތާއީދުލިބި ބައިނަލްއަގްވާމީ ފިރިހެން ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމީ 1930 ވަނަ އަހަރު އެވެ.

އުރުގުއޭގައި 1930 ވަނަ އަހަރު ބޭއްވުނު ފުރަތަމަ ވޯލްޑް ކަޕުގައި ވާދަކުރީ ފީފާގެ މެމްބަރުންގެ ގޮތުގައި އެރު އޮތް 13 ގައުމެވެ. ފީފާއިން ދައުވަތު ދީފައިވެސް ވަނީ އެ އިދާރާގެ މެމްބަރު ގައުމުތަކަށެވެ. ފީފާއިން އޭރު ނިންމީ ކޮލިފައިން ކުޅެގެން އެ މުބާރާތަށް ގައުމުތައް ކޮލިފައިވާ ގޮތަށެވެ. ނަމަވެސް ފީފާއިން އަންދާޒާކުރި އަދަދަށް ގައުމުތައް ހަމަ ނުވުމުން ވޯލްޑް ކަަޕްގައި ބައިވެރިވި 13 ގައުމާއި އެކު މުބާރާތް ކުރިޔަށް ގެންދަން ނިންމީއެވެ.

މި މުބާރާތުގެ މެޗުތައް ކުޅުނީ އުރުގުއޭގެ ވެރިރަށް މޮންޓެވިޑިއޯގައެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ތިން ސްޓޭޑިއަމެއް ބޭނުންކުރިއެވެ. އެއީ އެސްޓޭޑިއޯ ސެންޓެނާރިއޯ، އެސްޓޯޑިއޯ ޕޯސިޓޯސް އަދި އެސްޓޯޑިއޯ ގްރަން ޕާކީ ސެންޓްރަލްއެވެ. މި މުބާރާތުގެ ގިނަ މެޗުތައް ކުޅެފައިވަނީ އެސްޓޭޑިއޯ ސެންޓެނާރިއޯގައެވެ. އެސްޓޭޑިއޯ ސެންޓެނާރިއޯ އަކީ މި މުބާރާތައް ތައްޔާރުކުރި ސްޓޭޑިއަމެކެވެ.

13 ޓީމާއި އެކު ކުރިޔަށް ގެންދިޔަ މި މުބާރާތް ކުރިޔަށް ގެންދިޔައީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ދާ ގޮތަށެވެ. ދެވަނަ ބުރެއް އަދި ކުއާޓާ ފައިނަލް ބުރެއް ނުކުޅެއެވެ. މި މުބާރާތުގެ ސެމީގައި ކުޅުނީ އާޖެންޓީނާ، ޔޫގޯސްލޭވިއާ، އުރުގުއޭ އަދި އެމެރިކާއެވެ. ފައިނަލުގައި ކުޅުނީ އުރުގުއޭ އާއި އަޖެންތީނާއެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ބޭއްވުނު ވޯލްޑް ކަޕް މުބާރާތުގެ ތަށި އުފުލާލީ 2-4 އިން އާޖެންތީނާ ބަލިކޮށް މުބާރާތް ބޭއްވި ގައުމު އުރުގުއޭއިންނެވެ.

އެ މުބާރާތަށް ފަހު ބޮޑެތި ބަދަލުތަކެއް އައިސް 1998 ވަނަ އަހަރު ފަރާންސްގައި ބޭއްވުނު މުބާރާތުން ފެށިގެން ޖުމުލަ ހަ ބައްރަކުން 32 ޓީމު ވޯލްޑް ކަޕުގައި ވާދަކުރެއެވެ. އޭގެ ކުރިން 1982 ވަނަ އަހަރު ސްޕެއިންގައި އޮތް މުބާރާތުން ފެށިގެން 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވުނު މުބާރާތާއި ހަމައަށް ވާދަކުރަމުން އައީ 24 ޓީމެވެ. އަދި 1954 ވަނަ އަހަރު ސްވިޒަލެންޑުގައި ބޭއްވުނު މުބާރާތުން ފެށިގެން 1978 ވަނަ އަހަރު އާޖެންތީނާގައި ބޭއްވުނު މުބާރާތާއި ހަމައަށް ވޯލްޑް ކަޕުގައި ވާދަކުރަމުން އައީ 16 ޓީމެވެ.