English Edition
Dhivehi Edition
ފޮޓޯ: ޓްވިޓަރ

މިއަދަކީ ދިވެހީންގެ ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މިދުވަސް ފާހަކަ ކުރަމުން އަންނަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލި ދުވަހެވެ. މިއަދަކީ މި ހާދިސާއަށް 34 އަހަރު ފުރުނު ދުވަހެވެ.

ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމާއި، ދިވެހިރައްޔިތުންގެ މިނިވަންކަމާ ދެކޮޅަށް ބަޔަކު ދިން ނުރައްކާތެރި ބިރުވެރި މިޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުންނަށް ނަޞްރު ލިބުން ފާހަގަކުރުމަށްޓަކައެވެ.

އެދުވަހު 18 ވަރަކަށް ގަޑިއިރު ވަންދެން ރާއްޖޭގެ ވެރިރަށް މާލެ، ދިވެހި ޤައުމަށް ޣައްދާރުވި އަދާވާތްތެރިންގެ ބާރުގެ ދަށަށް ގެންދިޔައެވެ. ހަތިޔާރާއެކު ދިވެހި ސިފައިންގެ މައި މަރުކަޒަށް ޙަމަލާދެމުން ގެންދިޔައެވެ. މި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތް ސިފައިންގެ 8 ބޭފުޅަކު ބާޣީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެގެންދިޔައެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުކޮށްލި 11 މީހުންނާއެކު ޖުމްލަ 19 މީހުން މި ޢުދުވާނީ ޙަމަލާގައި ވަނީ ޝަހީދުކޮށްލާފައެވެ.

ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ހަމަލާދީފައިވަނީ ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ 80 މީހުންނެވެ. އެމީހުންގެ މަޤްޞަދަކަށްވީ މުޅި ދިވެހި ޤައުމު އެމީހުންގެ އަތްމަށްޗަށް ގެންދިއުމެވެ.

ނޮވެމްބަރު 3 ވަނަ ދުވަހުގެ ޢުދުވާނާ ގުޅިގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި ސިފައިންގެ އިސްވެރިން، ދިވެހިރާއްޖެ މިއުދުވާނުން ދިފާޢުކުރެއްވުމަށްޓަކައި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ. ދިވެހި ސަރުކާރުން އެހީއަށް އެދުނު ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދެވުނީ އަވައްޓެރި އިންޑިއާއަށެވެ.

ކުލީސިފައިންގެ ހަމަލާ މާލެއަށް ދޭންފެށިތާ ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިޔާ ސިފައިންގެ 1600 އެއްހާ މީހުން ކަނޑާއި ވައިގެ މަގުން ރާއްޖެ އައިސް ޙަރަކާތްތެރިވާން ފެށިއެވެ. އިންޑިއާ ސިފައިންނަށް ރާއްޖެ އާދެވުނުއިރު ދިވެހި ސިފައިންނާއި، ކުލީ ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލު ކުރެވި ހަނގުރާމަ އޮތީ މައިތިރިވެފައެވެ. އޭރު ދިވެހި ސިފައިންގެ ހިތަވަރާއި ބުރަ މަސައްކަތްތަކުން ތަމަޅަ ޓައިގަރުންގެ ކުލީ ސިފައިންގެ އެތައް ބަޔަކު ވަނީ މަރާލާފައެވެ.

ބަޣީންގެ ތެރެއިން މަރުނުވެ ތިބިމީހުން ސަރުކާރުގެ މަތީ މަޤާމުތަކުގައި އޭރު ތިއްބެވި ބައެއް ބޭބޭފުޅުން ހިމެނޭގޮތުން ދިވެހިންގެ ބަޔަކު ރަހީނުންގެ ގޮތުގައި ގޮވައިގެން ފިލަންދަނިކޮށް އެމީހުންނާ ކުރިމަތިލައި ރަޙީނުން ސަލާމަތްކޮށް ބާޣީން ހައްޔަރުކޮށްފައިވަނީ އިންޑިއާ ސިފައިންގެ ދެމަނަވަރުންނެވެ.

ނޮވެމްބަރު 3 ގެ ޙަމަލާއަށް 28 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު މި ޙަމަލާ ކާމިޔާބުވިނަމަ ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ފުރޮޅި ޤައުމަށް ޣައްދާރުވި މަކަރުވެރި، ބަޔަކާއި ޓެރަރިސްޓް ޖަމާޢަތެއްގެ އަތްމައްޗަށް ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުވެގެންދާނެ. އެހެންކަމުން މި އުދުވާނީ ޙަމަލާއިން ދިވެހިޤައުމަށް ނަޞްރު ލިބުމަކީ ދިވެހި ޤައުމާއި ރައްޔިތުންނަށް ލިބުނު ނަޞްރެކެވެ. ނަސްރުގެ ދުވަސް އަޅުގަނޑުގެމެން މިއަދު މި ފާހަގަކުރަނީ ދިވެހި ޤައުމަށް ނަފުރަތުކުރާ ފަރާތްތަކުގެ ނުބައި ރޭވުންތަކުން ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުންއެދި މާތްﷲ ގެ ހަޟުރަތަށް ދުޢާދަންނަވަމުން. އަދި އެ ނުރައްކާތެރި އުދުވާނީ ހަމަލާގައި ޝަހީދުވި ދިވެހި އެންމެހައި ދަރީންގެ ޒިކުރާ އާކުރަމުންނެވެ.