English Edition
Dhivehi Edition

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި, ގދ.ހޯޑެއްދޫ، ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހެދުން ހުއްޓުވާނެ ތަނެއް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވައި ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން މިއަދު ވަނީ ބުނެފައެވެ.

މިދިޔަ އަންގާރަ ދުވަހު އަބްދުﷲ ރަޝީދު މަރުވީ ގދ. ހޯނޑެއްދުއިން އޭނާ ހައްޔަރުކޮށް އެހެން ރަށަކަށް ގެންދިއުމަށް ލޯންޗަކަށް އަރުވާފައި ހުއްޓާ މެޔަށް ތަދެއް އަރައިގެންނެވެ. ތަދު އެރުމާއެކު ފަރުވާ ދިނުމަށް ފުލުހުންގެ ގާތު އަބްދުﷲ އެދުނު ކަމަށާއި ނަމަވެސް އެއީ އެކްޓް ޖެއްސުން ކަމަށް ބުނެ ފުލުހުން ފަރުވާ ނުދިން ކަމަށް އެ އާއިލާގެ މެންބަރުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ތަހުގީގެއް ފަށާފައެވެ. އެ ކޮމިޝަނުން ވަނީ އިންސާފު ގާއިމްކުރުމަށް ކޮންމެހެން ވެސް އަބްދުﷲ ގެ އޮޓޮޕްސީ ހަދަންޖެހޭ ކަމަށް ބުނެ، އާއިލާގެ ނުގަބޫލުގައި އޮޓޮޕްސީ ހަދަން ނިންމާފައެވެ. އެހެންވެ، އާއިލާއިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

ތުހުމަތުތަކާ އެކު އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހެދުމަށް ނިންމުނުމުން އެކަން ހުއްޓުވައި ދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރުމަށް އާއިލާއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އަބްދުﷲ ރަޝީދުުގެ އާއިލާއިން ކޯޓުގައި އެދިފައި ވަނީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމާފައިވާ ނިންމުން ބާތިލްކޮށްދިނުމަށާއި، ކަށުކަމާއިކެމީގެ ކަންކަން ނިންމާ ވަޅުލުމަށް ހުއްދަ ދިނުމަށެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް ނިންމާފައިވާކަމުގެ އެއްވެސް ލިއުމެއް ނެތި މައްޔިތާގެ ހަށިގަނޑު މޯޗަރީގައި ބާއްވާފައި އޮތުމުން އެކަމާ އާއިލާއިން ވަނީ ކޯޓުގައިވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް އާއިލާއިން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ނިންމާފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އިހުމާލުގެ އަމަލަކުން މީހަކު މަރުވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި މަރުވެފައިވާ މީހާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމުގެ އިހްތިޔާރު ފުލުހުންނަށް ލިބެން ޖެހޭނެ ކަމަށް ޝަރީއަތުން ގަބޫލުކުރާ ކަމަށެވެ.

އަބްދުﷲގެ އާއިލާއިން ވަނީ އޭނާގެ ހަށިގަނޑު ނުލިބިގެން އެޗްއާރުސީއެމްއާއި އެެހެން މުއައްސަސާތަކަށް ވެސް ޝަކުވާ ހުށަހަޅާފައެވެ.