English Edition
Dhivehi Edition

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ކޮންމެ ފަހަރަކުވެސް އެތަކެއް ޒުވާން ކުޅުންތެރިންތަކެއް ގެ މޮޅު ކުޅުން ފާހަގަވާ މުބާރާތެކެވެ. އެކަން 2018 ގެ ވޯލްޑް ކަޕް މުބާރާތުން ވެސް ފާހަގަވިއެވެ. ވޯލްޑް ކަޕް މުބާރާތަކީ އެތަކެއް ޒުވާން ކުޅުންތެރިންގެ ހުނަރު ވަޒަންކުރަން ލިބޭ އެންމެ ރަނގަޅު އެއް ފުރުސަތެވެ.

މި ރިޕޯޓުގައި މި ބަލާލަނީ މިފަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ވިދާލާނެ ކަމަށް ބެލެވޭ ބައެއް ޒުވާން ކުޅުންތެރިންނަށެވެ. މި ލިސްޓު އެކުލަވާލާފައިވަނީ އެ ކުޅުންތެރިންގެ ފޯމު ހުރި ގޮތާއި ބައެއް ތަފާސްހިސާބު ތަކަށް ބެލުމަަށްފަހު އެވެ.

ކީލިއަން އެމްބާޕޭ (ފްރާންސް)

އުމުރު: 23 އަހަރު

ކުލަބް: ޕީއެސްޖީ (ފްރާންސް)

ފްރާންސް ޓީމަށް ކުޅެން ފެށި އަހަރު: 2017

ފްރާންސް ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: ވޯލްޑް ކަޕް ޗެމްޕިއަން 2018 / ޔޫއެފާ ނޭޝަންސް ލީގު ޗެމްޕިއަންސް 2021

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: 1

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 59

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: 28

އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އުއްމީދެއް ކުރާނެ އެއް ކުޅުންތެރިއަކީ އުމުރުން 23 އަހަރުގެ ފޯވާޑް ކީލިއަމް އެމްބާޕޭ އެވެ. އޭނާގެ ހަލުވި ދުވުމާއި ކުޅުންތެރިން ކައިރިން ދެމިގަންނަ ގޮތުން އެއީ ރޮނާލްޑޯ އާއި މެސީ އަށްފަހު ދެން ފެންނާނެ އެންމެ އުއްމީދީ ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެވެއެވެ.

ވޯލްޑްކަޕާއި އެކު ލިބުނު އެ ތަޖުރިބާއާއެކު އެމްބާޕޭ އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފޯވާޑް ލައިނުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް އޭނާއާއެކު ތިބުމެވެ. ބެންޒެމާ، ގްރީޒްމަން، ޖިރޫޑް ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއި އެކު އެމްބާޕޭއަށް ރަނގަޅު ކުޅުމެއް ދެއްކޭނެއެވެ. ނިމިގެން ދިޔަ ވޯލްޑް ކަޕް މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއާގެ މަޤާމުވެސް ހޯދާފައިވާ އެމްބާޕޭ މިވަގުތު ހުރީ ރަނގަޅު ފޯމެއްގައެވެ. އެގޮތުން ޕީއެސްޖީއަށް މިހާތަނަށް މި ސީޒަނުގައި ކުޅުނު 16 ،މެޗުގައި އެމްބާޕޭ ވަނީ 16 ގޯލު ޖަހައިދީފައެވެ.

ފިލް ފޯޑެން (އިންގްލޭންޑް)

އުމުރު: 22 އަހަރު

ކުލަބް: މެންޗެސްޓަރ ސިޓީ ( އިންގްލެންޑް)

އިންގްލެންޑް ސީނިއާ ޓީމަށް ކުޅެން ފެށި އަހަރު: 2020

އިންގްލެންޑް ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: ޔޫއެފާ ޔޫރޯ 2020 ރަނަރަޕް

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: ވޯލްޑް ކަޕެއްގައި ކުޅެފަ ނުވޭ

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 18

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: 2

އިންގްލޭންޑްގައި އެންމެ އަރަމުން އަންނަ ޒުވާން އެއް ކުޅުންތެރިއަކީ އުމުރުން 22 އަހަރުގެ ފިލް ފޯޑެން އެވެ. މިއީ އެ ގައުމުގެ ސީނިއާ ޓީމުގައި އޭނާ ކުރިމަތިލާ އެންމެ ބޮޑު މުބާރާތެވެ. މީގެކުރިން ޔޫތު ޓީމުތަކުގައި ކުޅެ އެ ގައުމަށް ރީތި ނަން ހޯދައިދިން ނަމަވެސް މިފަހަރު ވޯލްޑް ކަޕަކީ ފޯޑެން އަށް ބޮޑު ޗެލެންޖަކަށް ވާނެއެވެ.

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ އިތުބާރުކުރާ ކުޅުންތެރިންގެ ތެރޭގައި ފޯޑެން ހިމެނެއެވެ. މިފަހަރުގެ ސީޒަނުގައި ވެސް މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯޑެން ވަނީ އޭނާ މިހާތަނަށް މި ސީނުގައި ސިޓީއަށް ކުޅެދިން 16 މެޗުފައި ހަތް ގޯލު ޖަހައިދީފައެވެ.

ރަނގަޅު ފޯމެއްގައި ހުރި މި ކުޅުންތެރިޔާ އަކީ މިފަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ޓީމުން އެންމެ ބޮޑަށް ވިދާލާނެ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރެވެއެވެ. ޓީމުގެ މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅޭ މި ކުޅުންތެރިޔާ އެންމެ ބޮޑަށް ފާހަގަވަނީ އުފައްދަން މަސައްްކަތްކުރާ ނުރައްކާތެރި ހަމަލާތަކެވެ. އެޓޭކުތަކުގައި ވެސް ބައިވެރިވާ މި ކުޅުންތެރިޔާ ހިފެހެއްޓުމަކީ އިދިކޮޅު ޓީމުތަކަށް އުނދަގޫ ކަމަކަށް ވާނެއެވެ.

ޖޯ ފެލިކްސް (ޕޯޗުގަލް)

އުމުރު: 22 އަހަރު

ކުލަބް: ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް

ޕޯޗުގަލް ސީނިއާ ޓީމަށް ކުޅެން ފެށި އަހަރު: 2019

ޕޯޗުގަލް ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: ޔޫއެފާ ނޭޝަންސް ލީގު 2019 ޗެމްޕިއަން

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: ވޯލްޑް ކަޕެއްގައި ކުޅެފަ ނުވޭ

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 23

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: 3

މިއީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖެހިގެން ޕޯޗުގަލް ގައުމީ ޓީމުގައި އެންމެ ތަފާތު ދައްކާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ކުޅުންތެރިޔާ އެވެ. އެތްލެޓިކޯ މެޑްރިޑުގައި ދައްކަމުންދާ މޮޅު ކުޅުމާއެކު އޭނާ ވެގެންގޮސްފައިވަނީ ހަލުވި ސްޕީޑާއެކު ބޯޅައާއެކު އެޓޭކުގައި ބައިވެރިވާ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. މިއީ އެ ގައުމުގެ ސީނިއާ ޓީމުގައި އޭނާ ކުރިމަތިލާ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ. މީގެކުރިން ޔޫތު ޓީމުތަކުގައި ވެސް ކުޅެފައިވާ ފެލިކްސް ވަނީ 2019 ވަނަ އހަރު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުޔ ކުރި ޕޯޗުގަލް ޓީމުގައިވެސް ހިމެނިފައެވެ.

އަންސު ފަޓީ (ސްޕެއިން)

އުމުރު: 19 އަހަރު

ކުލަބް: ބާސެލޯނާ (ސްޕެއިން)

ސްޕެއިން ސީނިއާ ޓީމަށް ކުޅެން ފެށި އަހަރު: 2020

ސްޕެއިން ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: –

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: ވޯލްޑް ކަޕެއްގައި ކުޅެފަ ނުވޭ

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 4

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: 1

ބާސެލޯނާއަށް ކުލެމުން އަންނަ އަންސު ފާޓީ ވަނީ ދިގު މުއްދަތެއް ވަންދެން އަނިޔާގައި ހޭދަކޮށްފައެވެ. އޭނާ އަނިޔާއިން ރަނގަޅުވެ ކުޅުމުގެ ތެރެއަށް އައީ މިއަހަރުގެ ތެރޭގައެވެ. ހުނަރުވެރި ކުޅުމާއި އެކު ފަޓީ އަންނަނީ ކުލަބު ފެންވރުގައި އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދެމުންނެވެ. ފުޓްބޯޅައިގެ ރަނގަޅު މުސްތަޤުބަލެއް އޮތްކަމަށް ގަބޫލުކުރެވޭ އަންސު ފަޓީ ވަނީ ވިދާލީ އޭނާގެ އުމުރުން އެންމެ 18 ގައެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި ވާދަކުރާ ސްޕެއިންޓީމުގެ އެންމެ އުންމީދީ ކުޅުންތެރިއާކަމަށް ބެލެވިފައިވާ ފަޓީ މިފަހަރުގެ ވޯލްޑް ކަޕުގައި ވިދުން ގަދަވާނެ ކަމަށް ބެލެވެއެވެ.

ރަފެއަލް ލިއާއޮ (ޕޯޗުގަލް)

އުމުރު: 23 އަހަރު

ކުލަބް: އޭސީ މިލާން (އިޓަލީ)

ޕޯޗުގަލް ސީނިއާ ޓީމަށް ކުޅެން ފެށި އަހަރު: 2021

ޕޯޗުގަލް ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: – ޔޫއެފާ ޔޫރޯ އަންޑަރ 17 ޗެމްޕިއަންޝިޕް 2021

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: ވޯލްޑް ކަޕެއްގައި ކުޅެފަ ނުވޭ

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 11

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: –

ޕޯޗުގަލްގެ ޔޫތް ޓީމުން ވިދާލި ރަފައެލް ލިއާއޮ އަކީ ކުޑަ ދުޗަސްކޮޅެއްގެ ތެރޭގައި ވިދުން ގަދަވި ކުޅުންތެރިއެކެވެ. އެގޮތުން މިލާނުގައި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމަކީ މީގެ އެންމެ ބޮޑު ހެއްކެވެ. ލިއާއޮ ޕޯޗުގަލްގެ ސީނިއަރ ޓީމަށް ކުޅެން ފެށީ 2021 ވަނަ އަހަރުގައެވެ. އެހެން ކަމުން މިފަހަރު ވޯލްޑް ކަޕުގައި ވާދަކުރާ ޕޯޗުގަލް ޓީމުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭނެ އެއް ކުޅުންތެރިއަކަށް ލިއާއޮ ވާނެއެވެ.

ޖޫޑް ބެލިންގަމް (އިންގްލެންޑް)

އުމުރު: 19 އަހަރު

ކުލަބް: ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން)

އިންގްލެންޑް ސީނިއާ ޓީމަށް ކުޅެން ފެށި އަހަރު: 2020

އިންގްލެންޑް ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: – ޔޫއެފާ ޔޫރޯ 2020 ރަނަރަޕް

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: ވޯލްޑް ކަޕެއްގައި ކުޅެފަ ނުވޭ

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 17

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: –

ޖޫޑް ބެލިންގަމް އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ޓީމުން އެންމެ ބޮޑަށް ވިދާލާނެ އެއް ކުޅުންތެރިއާއެވެ. އިންގެލެންޑުގެ ޔޫތް ޓީމުގައި ވިދުން ގަދަވި ބެލިންގަމް އަންނަނީ އިންގްލްނެޑް ގެ ސީނިއާ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ބެލިންގަމް އަށް އޭނާގެ ފެންވަރު ސާބިތުކޮށް ދޭން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެއެވެ.

ޕެޑްރީ (ސްޕެއިން)

އުމުރު: 19 އަހަރު

ކުލަބް: ބާސެލޯނާ (ސްޕެއިން)

ސްޕެއިން ސީނިއާ ޓީމަށް ކުޅެން ފެށި އަހަރު: 2021

ސްޕެއިން ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: – ސަމަ އޮލިމްޕިކް ސިލްވަރ މެޑަލް 2020

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: ވޯލްޑް ކަޕެއްގައި ކުޅެފަ ނުވޭ

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 14

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: –

ޕެޑްރީ އަކީ ޒުވާން ހުނަރުވެރި ކުޅުންތެރިއެކެވެ. ގައުމީ ލެވެލްގައި ވެސް އަދި ކުލަބު ލެވެލްގައިވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. 2021 ވަނަ އހަރުގެ ގޯލްޑެން ބޯއީ އެވޯޑް ވެސް ހޯދި ޕެޑްރީ އަކީ ސްޕެއިން ޓީމުގައި މިވަގުތު ހިމެނޭ އެންމެ ހުނަރުވެރި ޒުވާން މިޑްފީލްޑް ކުޅުންތެރިޔާއެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ޕެދްރީއަށް އޭނާގެ މޮޅު ކުޅުން ދައްކާލަން ލިބޭ ފުރުސަތަކަށް ވާނެއެވެ.

ގަވީ (ސްޕެއިން)

އުމުރު: 18 އަހަރު

ކުލަބް: ބާސެލޯނާ (ސްޕެއިން)

ސްޕެއިން ސީނިއާ ޓީމަށް ކުޅެން ފެށި އަހަރު: 2021

ސްޕެއިން ޓީމާއެކު ހޯދި އެން،މެ ބޮޑު ކާމިޔާބު: – ޔޫއެފާ ނޭސަންސް ލީގު ރަނަރަޕް 2021

ކުޅުނު ވޯލްޑް ކަޕްގެ އަދަދު: ވޯލްޑް ކަޕެއްގައި ކުޅެފަ ނުވޭ

ގައުމީޓީމަށް ކުޅެފައިވާ މެޗުގެ އަދަދު: 12

ގައުމީޓީމަށް ޖަހައިދިން ގޯލުގެ އަދަދު: 1

ގަވީ އަކީ ފުޓްބޯޅައިގެ މުސްތަގުބަލެއް އޮތް ކުޅުންތެރިއެކެވެ. ނިމިގެން ދިޔަ އަހަރުގެ ގޯލްޑެން ބޯއީ އެވޯޑްވެސް ލިބުނީ ގަވީއަށެވެ. ގަވީ އަކީ މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަށް ދާ ސްޕެއިން ޓީމުގެ ސްކޮޑުގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިއާވެސް މެއެވެ. އޭނާ އަކީ ކުލަބު ފެންވަރުގައި ވެސް އަދި ގައުމީ ފެންވަރުގައިވެސް ތަފާތު ދައްކަމުން އަންނަ ކުޅުންތެރިއެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ވިދުން ގަދަ ކުޅުންތެރިންގެ ތެރޭގައި ގަވީ ހިމެނިގެން ދިއުމަކީ ގާތްކަމެވެކެވެ.