English Edition
Dhivehi Edition

ހުކުރު ދުވަހުގެ މާތްކަމާ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި އެދުވަހުގެ ވަޤުތުތައް އަޅުކަމަށް ޚާއްޞަ ކުރެއްވުމަކީ މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރި ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. އެގޮތުން އެދުވަހުގައި އެކަލޭގެފާނުގެ ބައެއް ޢަމަލުފުޅުތަކަށް ބަލާލައިފި ކަމުގައިވާނަމަ އަޅުގަނޑުމެންނަށް މިކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެއެވެ.

ހުކުރު ދުވަހު ކުރެވޭ ސުންނަތް ކަންތަކަކީ ވެސް ގިނަގުނަ ސަވާބާއި ދަރުމަ ލިބެނިވި ކަންތައް ތަކެކެވެ. އެގޮތުން ކީރިތި ޤުރުއާން ކިޔެވުން ގިނަ ކުރުމާއި، ޚާއްޞަކޮށް ކަޙުފް ސޫރަތް ކިޔެވުން މޮޅުއިތުރެވެ. އަދި މީގެ އިތުރުން މާތް ނަބިއްޔާ ގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ވެސް އެހާމެ ދަރުމައާއި ސަވާބު ލިބޭ ކަމެކެވެ.

ހުކުރުދުވަހާއި ހުކުރުވިލޭރޭ ރަސޫލުﷲގެފާނު މައްޗަށް ޞަލަވާތްކިޔެވުން އިތުރުކުރުމަށް، އެކަލޭގެފާނު އިރްޝާދުދެއްވާފައި ވެއެވެ. ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “ހުކުރުދުވަހު ތިމަން ކަލޭގެފާނުގެ މައްޗަށް ތިޔަބައިމީހުން ޞަލަވާތް ކިޔެވުން އިތުރުކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ މަލާއިކަތްބޭކަލުން ހެކިވެވަޑައިގަންނަވާނެ ދުވަހެކެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވާ އަވަދިވާއިރަށް އެ ޞަލަވާތެއް، ތިމަންކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވާދެއްވާނެތެވެ. ދެންނެވުނެވެ. ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް ތޯއެވެ. ޙަދީޘްކުރެއްވިއެވެ. ސުވަރުގެވަޑައިގެންނެވުމަށް ފަހުގައި ވެސްމެއެވެ. ފަހެ، ހަމަކަށަވަރުން ނަބީބޭކަލުންގެ ހަށިކޮޅުތައް ކެއުމަކީ މާތްﷲ ބިމަށް ޙަރާންކުރައްވާފައިވާ ކަމެކެވެ. ފަހެ، ﷲގެ ނަބީންނަކީ ދިރިދެމިގެންވާ ރިޒްޤުދެއްވަވާ ބަޔެކެވެ.”

އެހެން ޙަދީޘެއްގައިވެއެވެ. “ތިޔަބައިމީހުން ހުކުރުވިލޭރެ އާއި ހުކުރުދުވަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ. އެކަންކުރިމީހާ އަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ހެކިބަސްފުޅާއި ތިމަންކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ.” ރަސޫލުﷲގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތްﷲ ކީރިތިޤުރްއާނުގައި އެކަމަށް އަމުރުކުރައްވާފައިވާތީއެވެ. މުސްލިމުންގެ ޢީދުދުވަސްކަމުގައިވާ ހުކުރުދުވަހު އެކަލޭގެފާނުގެ މަތިން ހަނދުމަކުރުމަކީ މި މުނާސަބަތާ އެންމެ ގުޅޭ އެއް ކަންތައްކަން ކަށަވަރެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮތް ލޯބީގެ މިންވަރު ހާމަކޮށްދޭނެ ކަމެއް ވެސްމެއެވެ. ހަރުބަހެއް ބުނާގޮތުގައި “ލޯބިވާ މީހެއްގެ ވާހަކަ ގިނަގނައިން ދެއްކޭނެއެވެ.” ކީރިތިރަސޫލާގެ އަރިހުގައި ހުކުރުދުވަހަށާއި ހުކުރުވިލޭރެއަށް ލިބިފައިވާ މަޤާމުގެ މަތިވެރިކަމުން އެކަލޭގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ހުކުރުދުވަހަށް “އަލްޔައުމުލް އަޒްހަރު” އަދި ހުކުރުވިލޭރެއަށް “އައްލައިލަތުއް ޒަހްރާ” ގެ ނަން ދެއްވާފައި ވެއެވެ.