English Edition
Dhivehi Edition

ގދ. އަތޮޅުގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެގޮތުން ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އެރަށުން ދެމީހަކު ހައްޔަރުކޮށްގެން ލޯންޗެއްގައި ކަނޑުމައްޗަށް ނުކުތުމަށްފަހު ގދ. މަޑަވެއްޔަށް އެ ލޯންޗު ދިޔައީ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު މެޔަށް ތަދެއް އަރައިގެން ކަމަށް މައުލުމާތުލިބެއެވެ.

ގދ. މަޑަވެލިން ވާހަކަ ދެއްކި މީހަކު ބުނީ، އެމީހާ މިހާރު ނިޔާވެފައިވާކަމަށެވެ. އަދި އެމީހާ އެރަށަށް ގެންދިޔައީ ފުލުހުން ތިބި ލޯންޗަކުން ކަމަށްވެސް އެމީހާ ބުންޏެވެ. އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، ގދ. ހޯނޑެއްދޫ، އަބްދުﷲ ރަޝީދު ކިޔާ މީހެކެވެ.

ނޫސްތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާން ވިދާޅުވީ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މެޔަށް ތަދެއް އަރައި ސީޒަރ އެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލި ހެލްތު ސެންޓަރަށް ދިޔަކަމަށާއި، އަދި ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާކަމަށެވެ.

މިހާދިސާއާ ގުޅޭ މައުލުމާތު ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނާ ހިއްސާކޮށް ތަހުގީގުކޮށްދިނުމަށް މިހާރު އެދިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި ނިޔާވި މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ނިންމާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމީހާ ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށްވުމުން އޭނާ މަރުވުމުގައި ފުލުހުންގެ އިހުމާލުއޮތް ކަމަށް ބުނެ މަޑަވެލީގައި މިވަގުތު ދަނީ އިހްތިޖާޖް ކުރަމުންނެވެ.