English Edition
Dhivehi Edition

ދަނބު ކުލައިގެ ސާރެއް (ޑައިނަސޯއެއް) ލީޑް ރޯލުން ފެނިގެންދާ “ބާރނީ އެންޑް ފްރެންޑްސް” ސީރީޒަކީ އެމެރިކާ ޓީވީން ދެއްކި ތުއްތުކުދިންގެ ޓީވީ ސީރީޒެކެވެ. ޝެރިލް ލީޗް އުފެއްދި މި ސީރީޒް ފުރަތަމަ ފަހަރަށް ދެއްކީ އެމެރިކާގެ ޕަބްލިކް ބްރޯޑްކާސްޓިން ސަރވިސް (ޕީބީއެސް) އިން 06 އޭޕްރީލް 1992 ގައެވެ. ސީރީޒް ދެއްކީ 2000 ވަނަ އަހަރާއި ހަމައަށެވެ.

“އައި ލާވް ޔޫ، ޔޫ ހޭޓް މީ“ ގެ ނަމުގައި ބާނީ ސީރީޒް އުފެއްދި ޓީމުން ޑޮކިއުމެންޓްރީ އެއް ޕީކޮކް ސްޓްރީމިން މަންސާގައި ވަނީ ރިލީޒްކޮށްފައެވެ.

ދެ އެޕިސޯޑްގެ މައްޗަށް އެކުލެވިގެންވާ މި ޑޮކިއުމެންޓްރީ އަކީ “ބާރނީ އެންޑް ފްރެންޑްސް” އުފެއްދި މީހާއާއި އޭނާގެ އާއިލާއިން މި ސީރީޒް އުފެއްދުމަށް ކުރި މަސައްކަތްތަކާއި ސީރީޒާއި މެދު އައި ފާޑުކިޔުންތަކާއި ސީރީޒް ހުއްޓުމަކަށް ގެންނަން ޖެހުނު ސަބަބުތައް ފަދަ މުހިންމު ވާހަކަތަކެއް ކިޔައިދޭ ޑޮކިއުމެންޓްރީ އެކެވެ.

ޓެކްސަސްގެ އެލެންގެ ރައްޔިތެއް ކަމަށްވާ ޝެރިލް ލީޗް 1988 ވަނަ އަހަރު އޭނާގެ ވިސްނުމުން ނެރުނު “ބާރނީ” ވެގެންދިޔައީ ތުއްތުކުދިންގެ މެދުގައި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދި ކެރެކްޓަރއަކަށެވެ. މި ސީރީޒްގައި ބާރނީ އެކްޓްކޮށްފައި ވަނީ ބާރނީ އަޑު އަޅާފައިވާ ބޮބް ވެސްޓެއް ނޫނެވެ. ބާރނީގެ ކޮސްޓިއުމް ލައިގެން އެކްޓްކޮށްފައި ވަނީ ޑޭވިޑް ޖޯއިނަރ އެވެ.

މި ސީރީޒްގައި ބާރނީ ކެރެކްޓަރއަށް އަޑު އަޅައިދީފައިވާ ބޮބް ވެސްޓް އަދި މިއުޒިކް ޑައިރެކްޓަރ ބޮބް ސިންގަލްޓަން ވެސް ބުނެފައިވަނީ އުމުރުން 03 އަހަރުގެ ތުއްތުކުދިންނަށް އަމާޒުކޮށްގެން ހެދި މި ސީރީޒަކީ ބޮޑެތިމީހުން އެއަށް މޮޔަވާނެ ސީރީޒެއް ކަމަށް ޤަބޫލުކުރަންވެސް ދަތިވި ކަމަށެވެ.

ސީރީޒް ހުއްޓުމަކަށް ގެންނަން ޖެހުނު ސަބަބުތަކުގެ ތެރޭގައި ޑޭވިޑް އެހެން ވަޒީފާއަކަށް ދިއުމަށްޓަކައި ޝޯވ ދޫކޮށްލުންވެސް ހިމެނެއެވެ. މީގެ އިތުރުން މި ޝޯވއާ މެދު ނޫސްތަކުންނާއި އާއްމުންގެ ބައެއް ފަރާތްތަކުންވެސް ވަރަށް ބޮޑަށް ފާޑުކިޔާފައިވުން އެއީވެސް ޝޯވ ހުއްޓުމަކަށް އައި ސަބަބެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

“އައި ލާވް ޔޫ، ޔޫ ހޭޓް މީ” ޑޮކިއުމެންޓްރީގައި އޭރު “ބާރނީ އެންޑް ފްރެންޑްސް”ގައި ހަރަކާތްތެރިވި ތުއްތުކުދިން، މިހާރު ތިބި އުމުރުގައި ފެނިގެންދާނެއެވެ. އަދި އެމީހުން މި ސީރީޒާމެދު ދެކޭގޮތާއި އޭރުގެ ތަޖުރިބާތައްވެސް ހިއްސާކުރާނެއެވެ.