ޖަރުމަން ލީގުގައި މިރޭ ހޮފެންހެއިން އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލީގުގެ ދެވަނައަށް ބަޔާން މިޔުނިކުން ޖެހިލައިފިއެވެ.
ހޮފެންއިން ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވެފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ބަޔާންގެ ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ.
ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ބަޔާންއިން ލަނޑުޖަހާ ލީޑު ނެގީ މެޗުގެ 17 ވަނަ މިނެޓުގައެވެ. މި ލަނޑު ބަޔާންއަށް ޖަހައިދިނީ ގޮރެޒްކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަމާލް މުސިއާލާއެވެ. ފުތަމަ ފާހުގެ ކުޅުން ނިމުމުގެ ކުރިން ބަޔާންއިން ވަނީ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ޖަހައިދިނީ ގިނަބްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެރިކް ޗޫޕޯ މޯޓިންއެވެ.
މި ނަތީޖާއާއި އެކު ބަޔާން ލީގުގެ ދެވަނައަށް ޖެހިލީ ކުޅުނު 11 މެޗުން ލިބުނު 22 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި ބަޔާންއަށް ވުރެ އެންމެ ޕޮއިންޓެއްގެ ތަފާތުން އޮތީ ޔޫނިއަން ބާލިންގ އެވެ. ތިން ވަނާގައި އޮތް ފްރެއިބާގަށް ލިބެނީ 21 ޕޮއިންޓެވެ.