English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފި އެވެ.

އަޙްމަދު ނަސީމަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ނިސްބަތްވާ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް މިނިސްޓަރ ނަސީމަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީ އެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ނެވެ.

ހަމަމިއާއެކު ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ނެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ނަސީމް ކޮށްދެއްވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.