English Edition
Dhivehi Edition

ތިރީގައި މިވަނީ މަގުމަތީގެ ބައެއް އަދަބުތަކެވެ.

ﷲ ޙަރާމް ކުރެއްވި ކަންތަކަށް ނުބެލުން.

މަގުތަކުގެ މެދުގައްޔާއި އެނޫންވެސް މީސްތަކުންނަށް އުނދަގޫވާނެ ފަދަ ތަންތަނުގައި ނުއިށީނުން.

މީސްތަކުންނަށް ސަލާމްގޮވާ ސަލާމް ބަދަލުކޮށް ހެދުން.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” إِيَّاكُمْ وَالْجُلُوسَ بِالطُّرُقَاتِ ” , قَالُوا : يَا رَسُولَ اللَّهِ ، مَا لَنَا مِنْ مَجَالِسِنَا بُدٌّ ، نَتَحَدَّثُ فِيهَا ، قَالَ : ” فَأَعْطُوا الطَّرِيقَ حَقَّهَا ” , قَالُوا : وَمَا حَقُّ الطَّرِيقِ يَا رَسُولَ اللَّهِ ؟ قَالَ : ” غَضُّ الْبَصَرِ ، وَكَفُّ الْأَذَى ، وَالْأَمْرُ بِالْمَعْرُوفِ ، وَالنَّهْيُ عَنِ الْمُنْكَرِ) މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން މަގުތަކުގައި އިށީނދެ ނުތިބޭށެވެ.” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާ އެވެ. “އަހަރުމެން މަގުތަކުގައި ތިބެނީ ވާހަކަ ދައްކާ ހެދުމަށެވެ.” ޙަދީޘް ކުރެއްވިއެވެ. “މަގުތަކަށް އޭގެ ޙައްގު ދޭށެވެ.” ޞަޙާބީން ދެންނެވިއެވެ. “މަގުތަކުގެ ޙައްގަކީ ކޮބައިތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ލޯތިރި ކުރުމެވެ. މީސްތަކުންނަށް ގޯނާ ނުކުރުމެވެ. ހެޔޮކަންތަކަށް އަމުރު ކުރުމެވެ. މުންކަރާތްތައް ނަހީ ކުރުމެވެ.”

މަގުތަކުގެ ޞާފުޠާހިރު ކަމަށް ސަމާލުވުން.

މަގުތަކުގައި މީސްތަކުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި އެކަހެރި ކުރުން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (الْإِيمَانُ بِضْعٌ وَسَبْعُونَ بَابًا ، فَأَدْنَاهُ إِمَاطَةُ الْأَذَى عَنِ الطَّرِيقِ ، وَأَرْفَعُهَا قَوْلُ لَا إِلَهَ إِلَّا اللهُ) މާނައަކީ: “އީމާންކަން ހަތްދިހަ އެތައް ގުނަޔަކަށް ބެހިގެންވެއެވެ. އެންމެ ދަށް މިންވަރަކީ މަގުމަތީގައި މީސްތަކުންނަށް އުނދަގޫވާ ގޮތަށް ހުންނަ ތަކެތި ދުރުކުރުމެވެ. އެންމެ މަތީ ދަރަޖަ އަކީ ﷲ މެނުވީ އިލާހަކު ނުވާ ކަމަށް ބުނުމެވެ.”

ޙާޖަތަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވުން. އަދި މަގު ގެއްލިފައިވާ މީހުންނަށް މަގުދައްކައިދީ ހެދުން.

މުންކަރާތް ތަކާއި ފާޙިޝް ޢަމަލުތައް ހިންގާ މަގުތަކާއި ގާތް ނުވުން.

ޓްރެފިކް ލައިޓް ތަކަށް އިޙްތިރާމް ކުރުން.

މަގުމަތީގައި ކައިބޮއި ނުހެދުން.

މަގުމައްޗަކީ ކުޅިވަރު ކުޅޭ ތަނަކަށް ނުހެދުން. والله أعلم.

ނޯޓް: ޑރ އިޔާޟް އަބުދުއްލަތީފް ލިޔުއްވާފައިވާ ލިޔުމަކުން ނެގިފައިވާ މައުލޫމާތްކޮޅެއް