English Edition
Dhivehi Edition

ގިނަގިނައިން ގުރްއާން ކިޔަވާ ހެދުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އެފަދަ މީހުންނަށް ޘަނާގެ ބަސް ވަޙީ ކުރައްވާ ސޫރަތު އާލުޢިމްރާންގެ 113 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَتْلُونَ آيَاتِ اللَّـهِ آنَاءَ اللَّيْلِ وَهُمْ يَسْجُدُونَ) މާނައަކީ: “އެއުރެން ރޭގަނޑުގެ ވަގުތުތަކުގައި سجدة ކޮށް ނަމާދުކުރާ حال، اللَّه ބާވައިލެއްވި آية ތައް ކިޔަވަތެވެ.”

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ ، وَالْحَسَنَةُ بِعَشْرِ أَمْثَالِهَا ، لَا أَقُولُ الم حَرْفٌ ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ) ރަވާހުއްދާރިމީ. މާނައަކީ: “ﷲގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮކަމެއް ވެއެވެ. ކޮންމެ ހެޔޮކަމެއް ދިހަ ގުނައަށް އިތުރު ކުރައްވައެވެ. (الم) މިއީ އެންމެ އަކުރެއް ނޫނެވެ. އެހެންނަމަވެސް، އަލިފަކީވެސް އަކުރެކެވެ. ލަމަކީވެސް އަކުރެކެވެ. މީމަކީވެސް އަކުރެކެވެ.”

ކީރިތި ގުރްއާން ކިޔަވަންވާނީ ވިސްނުންތެރި ކަމާއި އެކުގައެވެ. އޭގައި އެކުލެވިގެންވާ މާނަ އައި މެދު ފިކުރު ކުރަންވާނެއެވެ. ސޫރަތު ޞާދުގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَ‌كٌ لِّيَدَّبَّرُ‌وا آيَاتِهِ وَلِيَتَذَكَّرَ‌ أُولُو الْأَلْبَابِ) މާނައަކީ: ” (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ.”

ވިސްނުމެއް ނެތި ގިނައިން ކިޔެވުމަށް ވުރެ، ވިސްނުންތެރި ކަމާއި އެކު މަދު އާޔަތްކޮޅެއް ކިޔެވުން މާއައުލާކަން ބޮޑެވެ. މީހަކު އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ ގާތުގައި ދެންނެވިއެވެ. “އަހަންނަކީ ވަރަށް ހަލުވިކޮށް ކިޔަވާ މީހަކީމެވެ. ތިންދުވަހުން އަހަރެން ޚަތިމް ކުރަމެވެ.” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. “ތިބާ ތިޔަބުނާ ގޮތަށް ކިޔެވުމަށްވުރެ އެއް ރޭ ބަގަރާ ސޫރަތް ކިޔަވާ އެޔަށް ވިސްނާ ފިކުރު ކުރުން، ތިމަންކަލޭގެފާނުގެ ގާތުގައި މާ ލޮބުވެތިކަން ބޮޑެވެ.”

ނޯޓް: މި ލިޔުމަކީ ޑރ އިޔާޟް އަބުދުއްލަތީފް ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައިވާ މަޢުލޫމާތްކޮޅެއް