English Edition
Dhivehi Edition

ފްރާންސް ލީގުގައި ރޭ ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

މި މެޗު އެއްވަރުވެފައިވަނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އޮވެއެވެ.

ރެއިމްސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޕީއެސްޖީން އެ ޓީމުގެ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ހިމަނާފައެއް ނުވެއެވެ. މީގެ އިތުރުން ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ވެސް ނުވެއެވެ. ނޭމާ ކުޅެން ނުކުމެފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި 57 ވަނަ މިނެޓުގައެވެ. މިއީ މި ސީޒަންގެ މެޗެއްގައި ޕީއެސްޖީން ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުގައި މެސީ ކުޅެފައި ނުވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއަކާއި ގުޅިގެން ރެސްޓް ދިނުމުގެ ގޮތުން ކަމަށް ޕީއެސްޖީން ބުނެއެވެ. އަދި ނޭމާއަށް ވެސް މި މެޗުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައި ނުވަނީ ރެސްޓް ދިނުމުގެ ގޮތުންނެވެ.

މެޗުގައި ޕީއެސްޖީ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިފައެވެ. އެ ޓީމުގެ ކީލިއަން އެމްބާޕޭ އާއި ޕަބްލޯ ސަރަބިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. މި މެޗުގައި ޕީއެސްޖީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެއީ މެޗުގެ 41 ވަނަ މިނެޓުގައި ރެއިމްސްގެ ޑިއޮން ލޮޕީ އަށް ރާމޯސް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މެޗުން އެއްވަރުވީ ނަމަވެސް ޕީއެސްޖީ އޮތީ ކުޅުނު 10 މެޗުން ލިބުނު 26 ޕޮއިންޓާއި އެކު ލީގު ތާވަލްގެ އެއް ވަނަ މަގާމުގައެވެ. ދެ ވަނައިގައި އޮތް މާސޭ އަށް ލިބެނީ 10 މެޗުން 23 ޕޮއިންޓެވެ. އަދި ތިންވަނާގައި އޮތް ލޮރިއެންޓް އަށް ލިބެނީ 9 މެޗުން 22 ޕޮއިްންޓެވެ.