English Edition
Dhivehi Edition
ފޮޓޯ: ތޮލާލް މުހައްމަދު

އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުން ދަނީ އައްޑޫސިޓީ ހިތަދޫގެ ޒުވާނެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާ އާ ގުޅިގެން ގެއްލިގެން ހޯދަމުން ދަނީ ސ. ހިތަދޫ، މިންހާ, މުޙައްމަދު މިންހާޖު ކަމަށެެވެ.

އޭނާއަކީ އުމުރުން 28 އަހަރުގެ މީހެއް ކަމަށާއި އޭނާ އެންމެފަހުން ލައިގެން ހުރީ އަޅި ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ މިންހާޖު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މިހައިތަަނަށް 35 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މި މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީއާއި ފާސްޓް އިންޓަސެޕްޓް ކުރާފްޓް “ހަކުރާ” އަދި އެމްއެންޑީއެފް ޑޯނިއަރ ފްލައިޓް އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. ފުލުހުން އިއްޔެ ބުނެފައިވަނީ އއ. މާޅޮހު ދެކުނުން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިފައިވާ ކަމަށާއި އެ ލޯންޗު ފެނުނު އިރު އެ ލޯންޗުން އެކަކު ގެއްލިފައިވާ ކަމަށެވެ. އަދި އިތުރު މީހަކަށް ފަރުވާދެމުން އަންނަކަމަށެވެ.

ފަރުވާދެމުންދިޔަ މީހާ ރޭ ވަނީ އިތުރުފަރުވާއަށް މާލެ ގެނެސްފަ އެވެ.

މި މީހާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް އަދި ވައިބަރ ކުރައްވާނަމަ 9931082 އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސްކުރެއްވުން އެދެމެވެ.