English Edition
Dhivehi Edition
  • ގދ. ތިނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގދ. އަތޮޅު ކައުންސިލް ގުރުއާން މުބާރާތް 2022 ފަށައިފިއެވެ.

ސަތޭކަ ފަންސާސް ތިން ދަރިވަރުންނާއެކު ފެށި މިމުބާރާތުގައި ހުވަދުއަތޮޅުގެ މީހުން ދިރިއުޅޭ 07 ރަށުން 09 ސްކޫލެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން އަމިއްލަ ގުރުއާން ކްލާހަކުންވެސް މުބާރާތުގައި ބައިވެރިވެފައިވެއެވެ.

މިމުބާރާތުން ހޮވޭ އެންމެ މޮޅު 24 ފަރާތަކަށް މިއަހަރުގެ ޑިސެންބަރު މަހުގައި ކީރިތި ގުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 35 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ގދ. އަތޮޅު ކައުންސިލުގެ ނަމުގައި ބައިވެރިވުމުގެ ފުރުސަތު ދެވިގެންދާނެއެވެ.

ގދ. އަތޮޅު ކައުންސިލް ގުރުއާން މުބާރާތް 2022 ގެ ފަނޑިޔާރުންގެ ގޮތުގައި 03 ބޭފުޅުންގެ ޓީމަކުން ހަރަކާތްތެރިވާނެއެވެ. އެއީ އަލްގާރީ އަހްމަދު ރިޔާޒް، އަލްގާރީ ފިރާގް މުހައްމަދު އަދި އަލްހާފިޒް އަލްގާރީ އަބްދުލް މަސްއޫދުއެވެ.

މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަރީފް ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކާއި ގައުމީ މުބާރާތްތަކުގައި ވާދަކުރާ އަތޮޅުތެރޭގެ ދަރިވަރުންނަށް ފަރިތަކުރެވޭނެ ވަސީލަތްތަކާއި ފުރުސަތުތައް ހުޅުވައިދިނުމަކީ މިމުބާރާތުގެ އެންމެ ބޮޑު އެއް ބޭނުން ކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖައްސުވައި މިފަންނު ކުރިއެރުވުމަށް ބާއްވާ މިމުބާރާތަކީ ނުހަނު މުހިންމު މުބާރާތެއްކަން މުހައްމަދު ޝަރީފް ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގދ. އަތޮޅު ކައުންސިލުގެ ސެކެޓްރީ ޖެނެރަލް އާދަމް ނަސީމް ވިދާޅުވީ ހުވަދުއަތޮޅުގެ އެންމެހައި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖައްސައި ދީނީ ހޭލުންތެރިކަން އިތުރުކުރުކުރުމުގެ މަގްސަދުގައި އަތޮޅު ކައުންސިލުން އިސްނަގައިގެން މިހާތަނަށް 16 މުބާރާތެއް ކުރިއަށްގޮސްފައި ވާނެ ކަމަށެވެ.

03 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމުބާރާތުގައި 06 އަހަރުން ދަށް، 09 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިން ކިޔެވުން ފުރިހަމަކުރާނެއެވެ. މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ ހޯލުގައެވެ.