English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބެންފިކާ އާއި ޕީއެސްޖީ ބައްދަލުކުރި މެޗު އެއްވަރުވެެގެން ނިމިއްޖެއެވެ.

މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ބެންފިކާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޕީއެސްޖީންނެވެ. ނޭމާ އާއި އެމްބާޕޭގެ އެހީތެރިކަމާއެކު މެޗުގެ 22 ވަނަ މިނެޓުގައި ޕީއެސްޖީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. މި ލަނޑާއެކު މެސީ ވަނީ ޗެމްޕިއަންސް ލީގުގައި 40 ޓީމާއި ދެކޮޅަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.

ރޭގެ މެޗުގައި ބެންފީކާއިން ލަނޑުޖަހާ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައިއެވެ. މިއީ ޕީއެސްޖީގެ ޑެނީލޯ ޕެރޭރާ އަތުން ބައިކޮޅަށް ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ޕީއެސްޖީއަސް ލިބުނެވެ. ނަމަވެސް ނޭމާ އާއި އަޝްރަފް ހަކީމީ އަދި އެމްބާޕޭ އުފެއްދި ހަމަލާތަކުގެ ހުރަހަކަށްވީ ބެންފިކާގެ ކީޕަރު އޮޑިސޭސް ލަޗޯޑިމޯސްއެވެ.

ރޭގެ މެޗުން މޮޅު ނުވެވުނު ނަމަވެސް ޕީއެސްޖީ އޮތީ ގްރޫޕްގެ އެއްވަނަ މަޤާމުގައެވެ. ދެވަނާގައި އޮތް ބެންފިކާއަށްވެސް ތިން މެޗުން ލިބެނީ 7 ޕޮއިންޓެވެ. ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.