English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭސްޕޯޓިން އާއި ދެކޮޅަށް ކުޅުނު މެޗު މާސޭ އިން ކާމިޔާބު ކޮށްފިއެވެ.

މާސޭގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-4 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްޕޯޓިންއެވެ. މެޗުގެ އެއް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޓްރިންކާއޯއެވެ. މާސޭ އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 13 ވަނަ މިނެޓުގައި ސަންޗޭޒް ޖެހި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން މާސޭ އަށް ލީޑު ނަގައިދިނީ ހާރިޓްއެވެ. މާސޭގެ ތިން ވަނަ ލަނޑު 28 ވަނަ މިނެޓުގައި ޖެހީ ބަލާޑީއެވެ. މާސޭގެ ފަހު ލަނޑު އެ ޓީމުން ޖެހީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. އެއީ 84 ވަނަ މިނެޓުގައި އެމްބެމްބާ ޖެހި ލަނޑެކެވެ.

މި ގްރޫޕްގައި ޓޮޓެންހަމާއި އެއިންޓްރަކްޓް ފްރެންކްފާޓް ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ރޭގެ މެޗުން ސްޕޯޓިން މާސޭ އަތުން ބަލިވި ނަމަވެސް މި ގްރޫޕްގެ އެއް ވަނައިގައި އަދިވެސް އޮތީ ސްޕޯޓިންއެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު ޓޮޓެންހަމެވެ. ތިން ވަަނައިގައި އޮތް ފްރެންކްފާޓަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. ފުލުގައި ތިން ޕޮއިންޓާއެކު އޮތީ މާސޭއެވެ.