English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސްލީގުގައި ރޭ ކުޅުނު މެޗައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށް, ބެލްޖިއަމްގެ ކްލަބް ބުރޫޖް ގްރޫޕްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ރޭގެ މެޗުން ބްރޫޖް މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުން ވި ބައްޔާއި އެކު އެތުލެޓިކޯ މެޑްރިޑް އޮތީ ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. ދެވަނާގައި އޮތް ޕޯޓޯއާއި, ތިންވަނާގައި އޮތް ބަޔާ ލެވަކޫސެން ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، ޕޯޓޯއަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން ހޯދި މޮޅާއި އެކު ކުލަބް ބުރޫޖް އެއްވަނާގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުގައި ކްލަބް ބުރޫޖްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، އެޓީމުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ޖެހީ ކަމާލު ސޮވާހުއެވެ. ދެވަނަ ލަނޑު ފެރަން ޖުޓްގުލާ ޖެހީ ދެވަނަ ހާފްގައެވެ. އެތުލެޓިކޯގެ ގިނަ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު, ފުރަތަމަ ލަނޑު ޖަހަން ފުރުޞަތު ފަހިކޮށްދިނީވެސް އޭނާއެވެ.

މި މެޗުގެ 76 ވަނަ މިނެޓުގައި އެތްލެޓިކޯއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ގްރީސްމަން ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ.