English Edition
Dhivehi Edition
އެޓަރނީ ޖެނެރަލް އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ އޮފީސް

މަސްދަރު ހާމަކުރަން ލާޒިމުކުރާ ބިލު އިސްލާހު ކުރުމަށް އެޓަރނީ ޖެނެރަލް ގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެ.

އޭޖީ އޮފީހުން ބުނީ މީޑިއާ އާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަ ކުރަން ލާޒިމު ކުރާ މާއްދާ އިސްލާހު ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް‬ ހުށަހަޅާ ބިލު ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެ ބިލުގައި ހެއްކާބެހޭ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ނޫސްވެރިންގެ ކަން ބޮޑުވުން އޮތް ގާނޫނުގެ 136 ވަނަ މާއްދާގެ އިސްލާހުތައް ހިމެނޭ ކަމަށާއި އެގޮތުން ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަ ކުރުމަށް ލާޒިމުކުރާ ހާލަތްތައް ކަމުގައި ބަޔާން ކޮށްފައިވާ ގާއުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގާނޫނުގައި މާނަ ކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަ ކުރަން ލާޒިމު ކުރެވޭނީ ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް، ހައިކޯޓުން ކުރާ އަމުރަކުން ކަމުގައި ކަނޑައެޅުމަށާއި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށް ވެސް ހިމަނާފައި ވެއެވެ.