English Edition
Dhivehi Edition

ﷲ އަށް ޛިކުރު ކުރުންމަތީ ދެމިހުރުމާއި ދުޢާ ކުރުން ގިނަކުރުމަކީ އަހަރެމެން މުސްލިމުން ކޮންމެހެން ވެސް ކުރަން ޖެހޭ މުހިންމުކަމެކެވެ.

ޛިކުރު ކުރުމަކީ އަޅާ ﷲގެ ޙަޟުރަތަށް ކުއްތަން ވުމުގައި ބޭނުން ކުރެވޭނެ އެންމެ މަތިވެރި އަޅުކަމެވެ. މިހެނީ އަޅުކަން ޝަރުޢު ކުރެވުނީ ﷲގެ ޙަޟުރަތަށް ކުއްތަން ވުމުގެ ބޭނުމުގައެވެ. ﷲގެ ރުހިވޮޑިގަތުން އަޅާއަށް ޙާޞިލު ކުރުމުގެ މަގެއްގެ ގޮތުގައެވެ. އަޅުކަންތަކާއި ހެޔޮ ޢަމަލުތަކާއި ރިވެތި އަދަބުތަކާއި އަޚްލާޤާއި މިހުރިހާ ކަމެއް ވެސް ޝަރުޢު ކުރެވިފައިވަނީ ﷲ ހަނދުމަކުޅައުން ޤާއިމު ކުޅައުމުގެ ބޭނުމުގައެވެ.

ޠާހާ ސޫރަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ. {فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي} (މާނައީ: އޭ ތިމަން ﷲގެ އަޅާއެވެ! ޚާލިޞް ތިމަން އިލާހަށް އަޅުކަން ކުރާށެވެ! އަދި ތިމަން އިލާހު ހަނދުމަ ކުޅައުމުގެ ގޮތުން ނަމާދު އަދާކުރުންމަތީ ދެމިހުންނާށެވެ.) އެހެންކަމުން ޢިލްމުވެރިން ވިދާޅުވަނީ އިންސާނާ އެކަމަކުން މަސްޢޫލުވާ އެންމެ މާތް ކަމަކީ ﷲ އަށް ޛިކުރު ކުރުމެވެ. ބަޔާންވެދިޔަ އާޔަތް ފިޔަވައި އެހެން އާޔަތްތަކުގައި ވެސް ޛިކުރު ކުރުމުގެ މާތްކަމާމެދު އައިސްފައިވާ ދަލީލުތައް ގިނަގުނައެވެ.

އަޙްޒާބު ސޫރަތުގައި ﷲ ވަޙީ ކުރައްވާފައިވެއެވެ. “އޭ އީމާންވި މީސްތަކުންނޭވެ! ތިޔަ ބައިމީހުން ގިނަގިނައިން ﷲ ހަނދުމަކޮށް އުޅޭށެވެ! (41) އަދި ހެނދުނާއި، ހަވީރު އެ އިލާހުގެ ހުސްޠާހިރުވަންތަކަން ބަޔާންކޮށް (ތަސްބީޙަކިޔައި) އުޅޭށެވެ! (42) ދަންނާށެވެ! އެއިލާއީ، ތިޔަ ބައިމީހުންގެ މައްޗަށް ރަޙްމަތް ލައްވާ ރަސްކަލާނގެއެވެ. އަދި އެ އިލާހުގެ އަމުރުފުޅަށް އެ އިލާހުގެ މަލާއިކަތުން ވެސް ތިޔަ ބައިމީހުންނަށް ރަޙްމަތަށް އެދި، އަދި ތިޔަ ބައިމީހުންގެ ފާފަފުއްސެވުމަށް އެދި ދަންނަވަތެވެ. އެއީ ކުފުރުގެ އަނދިރިކަމުން ތިޔަ ބައިމީހުން ނެރުއްވައި އީމާންކަމުގެ ނޫރަށް ތިޔަބައިމީހުން ވެއްދެވުމަށްޓަކައެވެ. އަދި ދަންނާށެެވެ. އެ އިލާހުއީ މުއުމިނުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. (43)”

އެތަކެއް މުޙައްދިޘުން ނެރުއްވާފައިވާ، ލޮބުވެތި ރަސޫލާގެ މޫރިތި ބަސްފުޅެއްގައި އައިސްފައި ވެއެވެ. “އޭ މީސްތަކުންނޭވެ! ނިކަން ތިޔަ ބައިމީހުންނަށް އެންމެ އުފާވެރި ބަސްތަކެއް ވިދާޅުވެ ދެއްވަން ހެއްޔެވެ؟ އެއީ ތިޔަ ބައިމީހުންނަށް ކުރެވޭނެ އެންމެ ހެޔޮ ޢަމަލެވެ. ތިޔަ ބައިމީހުންގެ ވެރި ރަސްކަލާގެ ޙަޟުރަތުގައި އެންމެ ބަރަކާތްތެރި އެންމެ ޠާހިރު ޢަމަލެވެ. ތިޔަ ބައިމީހުންގެ ދަރަޖަތައް އެންމެ އުފުލިިގެންދާނެ ޢަމަލެވެ. ރަންރިހީން ގިނަގުނަ ހޭދަތަކެއް ކުރުމަށްވުރެ ތިމާމެންނަށް ހެއުކަންބޮޑު ޢަމަލެވެ. ޖިހާދުކުރުންމަތީ ތިމާމެންގެ ޢަދާވާތްތެރިންނާ ކުރިމަތިލައި އެމީހުން ޤަތުލުކުރުމަށްފަހު ތިމާމެން ވެސް ޝަހީދުވެގެން ދިއުމަށްވުރެ އިތުރުކަން ބޮޑު ޢަމަލެވެ. ދަންނާށެވެ! އެއީ ﷲގެ މަތިވެރިކަން ތިމާމެންގެ ހިތްމައްޗަށް ގެެނެސް، ﷲގެ ކިބުރިޔާވަންތަކަން ތިމާމެންގެ ސިކުނޑީން އިޙްސާސްކުރުމާއެކު ﷲ އަށް ބިރުވެތިވެ އިނދެ ﷲގެ ޙަޟުރަތުގައި ތިމާ އިންކަން ދެނެހުރެ ބިރުވެތިކަމާއެކު ﷲ އަށް ޛިކުރު ކުރާ ކުރުމެވެ.”

ޛިކުރުގެ މާތްކަމާއި މަތިވެރިކަމާއި، އަޅުގަނޑުމެންގެ ނަފްސާއި ޛިކުރާއި ގުޅި ލާމެހިފައި ހުރިލެއް ބޮޑުކަން މާތް ﷲގެ އަންނަނިވި ވަޙީ ބަސްފުޅުން ދޭހަވާނެއެވެ. {الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ} މާނައީ: ފުރިހަމަ ގޮތުގައި ތެދުމަގު ލިބިފައިވާ މީހުންނަކީ ﷲގެ ރަސޫލާ ގެންނެވި ރިސާލަތު ޤަބޫލުކުރުމާއެކު، މަތިވެރި ﷲ ހަނދުމަކުރުމުން، ތިމާމެންގެ ހިތްތައް ހަމަޖެހި ހިތްތަކަށް އަރާމު ލިބޭ މީހުންނެވެ. ނިކަން ދަންނާށެވެ! ހިތްތައް ހަމަޖެހި ހިތްތަކަށް އަރާމު ލިބޭހުށީ ހަމައެކަނި ﷲ ހަނދުމަ ކުޅައުމުންނެވެ. (ރަޢުދު ސޫރަތް: 28)

ޝައްކެއްނެތެވެ. ﷲ އަށް ޛިކުރުންމަތީ ދެމިހުންނަ މީހާއަކީ ދިރިހުރި މީހެކެވެ. އަދި ތިމާގެ ހިތުން ﷲ ފިލައި ގޮސްފައިވާ މީހާއަކީ މޮޅަ މައްޔިތެއްފަދަ މީހެކެެވެ. އެހެންކަމުން އެ ގެއެއްގައި ޛިކުރު ކުރެވޭ ގެއަކާއި ޛިކުރު ނުކުރެވޭ ގެއެއްގެ މިސާލު ޖައްސަވަމުން ލޮބުވެތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ އެދެކަމުގެ މިސާލަކީ، އާބާދުވެ ޒީނަތްތެރިވެ ނޫރާނީ އަލިން ވިދާބަބުޅާ ހުރި ގެއަކާއި ފަނާވެ ވީރާނާވެ ފަޅުވެފައިވާ ގެއެކެވެ.

ޛިކުރުގެ މަތިވެރިކަމާ އޭގެ ފައިދާގެ ބޮޑުކަން އަންނަނިވި އާޔަތާމެދު ވިސްނާލުމުން އަޅުގަނޑުމެންނަށް އިޙްސާސް ވެދާނެއެވެ. ބަޤަރާ ސޫރަތުގެ 152 ވަނަ އާޔަތުގައި އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. {فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُوا لِي وَلَا تَكْفُرُونِ} މާނައީ: އޭމުސްލިމުންނޭވެ! ވުމާއެކު ތިޔަ ބައިމީހުން ތިމަން ﷲގެ ނިޢުމަތްތައް ހަނދުމަކޮށް ތިމާމެންގެ ހިތްމައްޗަށް ގެންނާށެވެ. ތިމަން ﷲ ތިޔަ ބައިމީހުންނަށް ބޮޑަށް ރަޙްމަތްލައްވައި ފާފަ ފުއްސަވާހުށީމެވެ. އަދި އެނިޢުމަތްތަކަށް ޝުކުރުވެރިވެ ޙަމްދުކޮށް އުޅޭށެވެ. ނަމަނަމަ ތިމަން ﷲގެ ނިޢުމަތްތަކާއި އިޙްސާންތަކަށް ނާޝުކުރީ ނުވާށެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނީ އެންމެހައި ޙާލަތްތަކުގައި މާތް ﷲ ހަނދުމަކޮށް އުޅޭ، އެއިލާހުގެ ނިޢުމަތްކަށް ޝުކުރު އަދާކުރާ މީހުން ކަމުގައި ލެއްވުމެވެ.

 

މަޢުލޫމާތް: ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން