English Edition
Dhivehi Edition

ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން” މުބާރާތުގައި ބައިވެރިވި ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.

“ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ހޯލީ ޤުރުއާން” މުބާރާތުގައި ރާއްޖެއިން ބައިވެރިވި ދެ ދަރިވަރުންނަކީ އަޙްމަދު ނަބީޙް ޢަބުދުލްޤާދިރުއާއި މުޙައްމަދު ޔޫޝަޢު އެވެ. މި ދެ ދަރިވަރުންގެ ތެރެއިން އަޙްމަދު ނަބީޙް ވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ދެދަރިވަރުންނާއި މި ދެދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ދެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާ ޝަރަފެއްކަން ފާހަގަކުރައްވައި މި ދަރިވަރުންނާއި ދަރިވަރުންގެ މައިންބަފައިންނަށް ތަޢުރީފާއި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވަކިން ޚާއްޞަކޮށް މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށް އަޙްމަދު ނަބީޙް ހޯދި ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ސަރުކާރުން އަބަދު ވެސް މަސައްކަތްކުރާނީ ޤުރުއާނަށް ކުދިން ހިތްޖައްސައި، ދަރިވަރުނަށް ވީހާވެސް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްދީ އެހީތެރިވެދިނުމަށްކަމުގަ އެވެ. މި ބައްދަކުރެއްވުމުގައި މި ދެދަރިވަރުންގެ ބެލެނިވެރިންގެ ފަރާތުން ވަނީ ސަރުކާރުން މިދަރިވަރުންގެ ކަންކަމުގައި ދެއްވާ އެއްބާރުލުމާއި ވެދެއްވާ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެ ދަރިވަރުންގެ މައިންބަފައިންގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ ބައިވެރިވެވަޑައިގެންނެވި އެވެ.